Advertisement

މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި އަދަދު އިން ބާއްވާ ބަހުސްގެ ދައުވަތު ފޮނުވައިފި

about 2 hours 0


މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި އަދަދު އިން ބާއްވާ ބަހުސްގެ ދައުވަތު ފޮނުވައިފި

about 2 hours 0

ވެރި ރަށް މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އަދަދު ނޫހުން ބާއްވާ ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކެންޑިޑޭޓުންނަށް މިއަދު ފޮނުވައިފި އެވެ.

އަދަދު ގެ މެނޭޖްމަންޓް އިން ބުނީ ބަހުސް ބާއްވަން ހަމަޖެހިފައި ވަނީ މާޗް 25، ގައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނަނީ އޭޕްރީލް 4، ގަ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވަނީ ވެރިކަން ކުރާ ޕީއެންސީގެ މޫސާ އަލީ ޖަލީލާއި އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް އާއި ޕީއެންއެފްގެ އިސްމާއިލް ޒަރިޔަންދު އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަހުމަދު އައިހަމް (ކެނާ) އާއި އަބްދުالله މަހުޒޫމް މާޖިދު އެވެ.

"މި ބަހުސްގެ މައިގަނޑު މަގްސަދަކީ މާލެ ސިޓީގެ ތަރައްގީ އާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކެންޑިޑޭޓުން ގެންގުޅުއްވާ ހައްލުތައް ހަމަހަމަ ފުރުސަތެއްގެ ތެރެއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުން،" އެ ނޫހުގެ އޮފިޝަލަކު ބުންޏެވެ.

ދިވެހިރާއްޖޭގެ އާބާދީގެ 42 ޕަސެންޓު ދިރިއުޅެނީ މާލޭގަ އެވެ. އެއީ 211،000 އަށް ވުރެ ގިނަ މީހުންނެވެ. ދެ ކިލޯމީޓަރަށްވުރެ ކުޑަ މާލެ ތޮއްޖެހުމުގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލައެއް ދަނީ ކުރިމަތިވަމުންނެވެ.

މޫސުމީ ބަދަލުތަކުން މާލެއަށް ލިބޭ ގެއްލުންތައް ވެސް ދަނީ ގިނަވަމުން އަދި ބޮޑުވަމުންނެވެ. އޭގެ ތެރޭގައި އުދަ އެރުމާއި ވާރޭ ވެހި ފެންބޮޑުވުން ހިމެނެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ވެސް ކޮންމެ އަހަރަކު މާލެއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވެސް ގިނަ މީހުން ދިރިއުޅެނީ މާލޭގަ އެވެ. މި ރަށުގައި ދިރިއުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 60،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. ލިޔެކިޔުން ނެތް ބިދޭސީން ހިމަނާ ނަމަ އެ އަދަދު 100،000 އަށް ވުރެ ގިނަވުން ވެސް އެކަށީގެންވެ އެވެ.

ވެހިކަލް ގިނަވުމަކީ ވެސް މާލެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި 119،472 ވެހިކަލް ދުއްވަ އެވެ. ވެހިކަލް ކެރީޔިން ކެޕޭސިޓީ ކަނޑައެޅުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވި ޒިންމާއެކެވެ.

މާލޭގައި މީހުން ކިތަންމެ ބައިބޯވި ނަމަވެސް ގާނޫނުތައް ފަރުމާކޮށްފައި އޮތް ގޮތުން އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަށް މެނުވީ ވޯޓު ނުލެވޭތީ، މޭޔަރު ހޮވަން ބާއްވާ އިންތިހާބުގައި ވޯޓު ދެވޭނީ ގާތްގަަނޑަކަށް 50،000 މީހުންނަށެވެ.