10 ސެޕްޓެންބަރު 2025 - 19:02 0
މުހައްމަދު ޝަހްޒާން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ވަޑައިގަންނަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
10 ސެޕްޓެންބަރު 2025 - 19:02 0
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން އަދަދު އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ ސަރުކާރުން އޭނާގެ ކުންފުންޏަށް ދޭންޖެހޭ 50 މިލިއަނެއްހާ ރުފިޔާ ނުދީ އެބަހުރި ކަމަށެވެ. އެ ފައިސާ ނުދީ ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ދޭންޖެހޭ ވެސް ގާތްގަނޑަކަށް 50 މިލިއަނެއްހާ ރުފިޔާ އެބަހުރި ނުދީ، އެކަމުގެ ސަބަބުން ދެން ކުރަންހުރި އެތައް ބައިވަރު ކަންކަން ނުކުރެވި މަޑުޖެހިފައި ހުރީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
އޭނާގެ އިތުރުން ވެސް މި ނޫހާ ވާހަކަ ދެއްކި ބައެއް އެހެން ވިޔަފާރިވެރިން ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެހެން މީހަކު ބުނީ އޭނާގެ ކުންފުންޏަށް ވެސް ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ.
"ފައިސާއެއް ނުލިބޭ، ދެން އެ ވާހަކަ ދެއްކީމާ އެމީހުން ބުނަނީ ދައުލަތުގައި ފައިސާ ނެތް ވާހަކަ، ނެތިގެންނޭ ނުދެވެނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ ވިޔަފާރިވެރިޔާ ބުންޏެވެ.
ވިޔަފާރިވެރިންގެ އެ ކަންބޮޑުވުން އެގޮތަށް ހުރުމުން އެކަމުގައި ސަރުކާރުގެ ޖަވާބެއް ހޯދުމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވިޔަފާރިވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދޫކުރަމުންދާ ކަމަށެވެ.
"ފައިސާ ދޫކުރަމުން ދާނީ މިހާރުވެސް އިނގޭތޯ؟ ފައިސާ ދޫކުރާނެ މިހާރުވެސް، ގިނަ ދުވަސްވެފައިވާ ބިލުތަކަށް ހަމަ އަބަދުވެސް ފައިސާ ދޫކުރަމުން ދަނީ،" ޒަމީރު ވިދާޅުވި އެވެ.
ހިލޭ ގްރާންޓުގެ ދަށުން ހިންގަމުންދާ ބައެއް ޕްރޮޖެކްޓުތަކަށް ސަރުކާރުން ފައިސާ ދޫނުކުރާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ޒަމީރު ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ޖަވާބެއް ދެއްވަން އެންމެ އެކަށީގެންވާނީ ފިނޭންސް މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ކަމަށެވެ.
އަމިއްލަ ވިޔަފާރިވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީ ދޮށުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ.
ފިނޭންސް މިނިސްޓްރީ ދޮށުގައި އެމްޑީޕީން މުޒާހަރާ ކުރީ މަޖިލިސް މެދުވެރިކޮށް ޒަމީރުއަށް ހުށަހެޅި ސުވާލުތަކަށް އޭނާ ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށް ބުނެ އެވެ.
Comment