10 ސެޕްޓެންބަރު 2025 - 10:50 0
މުހައްމަދު ޝަހްޒާން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ސެޕްޓެންބަރު 2025 - 10:50 0
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ސިއްރުކޮށް ގަދަކަމުން ނޫސްވެރިން ބޭރުކޮށްފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ސިއްރު ކުރަން މިއަދު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ހުސައިން އެވެ.
ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރު ކުރީ އެ ބަހަނާ ދެއްކުމަށްފަހު އެވެ.
އެކަމާ ގުޅިގެން ނޫސްވެރިން މަޖިލިސް ދޮށުގައި އިއްޔެ އިހުތިޖާޖު ވެސް ކުރި އެވެ. އިހުތިޖާޖު ކުރި ނޫސްވެރިން ބުނެފައި ވަނީ މަގުބޫލު އުޒުރެއް ނެތި އެ ކޮމިޓީ ސިއްރު ކުރީ، ބިލަށް ހުށަހަޅާފައި ހުރި ހިޔާލުތައް ހާމަކޮށްފި ނަމަ ރައްޔިތުން އެ ބިލާމެދު ދެކޭގޮތް އެނގި ހާމަވާނެތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި ވާގޮތުން މަޖިލީހުގެ ކޮމިޓީއެއް ސިއްރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެއީ:
މަޖިލިސް ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމުން މިއަދު ކޮމިޓީ ކަވަރު ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވި އެވެ.
ކޮމިޓީ މެންބަރުންނާ ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ ނޫސްވެރިން ގަދަބާރުން ބޭރުކޮށްފަ އެވެ.
މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.
Comment