10 ސެޕްޓެންބަރު 2025 - 10:15 3
މުހައްމަދު ޝަހްޒާން
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު
10 ސެޕްޓެންބަރު 2025 - 10:15 3
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހާއްސަކޮށްގެން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި އެމެރިކާ އެމްބަސީ ގުޅިގެން ވޯކްޝޮޕެއް މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.
އެ ވޯކްޝޮޕް އިފުތިތާހު ކޮށްދެއްވީ ރާއްޖެއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން އެވެ.
އެންސީޓީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދޮގު މައުލޫމާތު ފެތުރުމާ ބެހޭގޮތުން ކަމާ ގުޅުންހުރި މާހިރުން އެ ވޯކްޝޮޕްގައި އެ ބޭފުޅުންގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރި ކަމަށެވެ.
އެ ވޯކްޝޮޕްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވި އެވެ. އެގޮތުން އެމްއެންޑީއެފް އާއި ޕްރިޒަންސްގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި ފުލުހުން އަދި ކަސްޓަމްސްގެ ބޭފުޅުން އެ ވޯކްޝޮޕްގައި ބައިވެރިވި އެވެ.
މީގެ ކުރިން ވެސް އެންސީޓީސީ އާއި އެމެރިކާ އެމްބަސީ ގުޅިގެން ވަނީ މިފަދަ ވޯކްޝޮޕްތަކެއް ބާއްވާފަ އެވެ. މި ވޯކްޝޮޕްތަކުގައި އާންމު ގޮތެއްގައި ބައިވެރިވަނީ ސަލާމާތީ ބާރުތަކާއި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.
Comment