9 ސެޕްޓެންބަރު 2025 - 21:39 0
އަހުމަދު އާއިދު
ނޭޕާލުގެ ޒުވާނުން އިސްވެ ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާއި ކުރިމަތިލަނީ --- ފޮޓޯ: އޭއެފްޕީ
9 ސެޕްޓެންބަރު 2025 - 21:39 0
ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ކުރަން ނިންމުމާ ގުޅިގެން އާންމުންގެ ހުރި ހިތްހަމަނުޖެހުންތައް ފަޅައިގެން ގޮސް ކޮރަޕްޝަނާއި ދުރުން ހާމަކަން ބޮޑު ދައުލަތެއް ބިނާ ކުރުމަށް ގޮވާލައި ޒުވާނުން އިސްވެ ނުކުމެ ކުރަމުންދާ ބޮޑެތި މުޒާހަރާތަކާއި ގުޅިގެން މިވަގުތު އެ ގައުމަށް ދަތުރު ނުކުރުމަށް ދިވެހި ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފި އެވެ.
މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ އިސްތިއުފާ ދީފަ އެވެ. މުޒާހަރައިގެ ބައިވެރިން ވަނީ އޭނާގެ ގެއާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުގައި ހުޅުޖަހާފަ އެވެ.
ދިވެހި ހާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނެޕާލުގައި ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެން އެ ގައުމުގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށާއި އާންމު ހާލަތަށް ރުޖޫއަ ވުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެ ގައުމަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި، އެ ގައުމުގައި ތިނި ދިވެހިން މި ވަގުތު ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދޭ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފައިވެ އެވެ.
ނޭޕާލުގެ ބޮޑު ސަރަހައްދެއްގައި މިވަގުތު ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. ހަމަނުޖެހުންތަކަށް ހައްލެއް ނުލިބޭތީ މިވަގުތު މަގުތަކަށް ނުނިކުތުމަށް ވެސް ހާރިޖިއްޔާއިން އެ ގައުމުގައި ތިބި ދިވެހިންނަށް އިލްތިމާސްކޮށްފައިވެ އެވެ.
ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން މިރޭ ދީފައިވެ އެވެ.
މުޒާހަރާތަކުގައި 19 މީހުން މަރުވެ, މުޒާހަރާގެ 400 އަށް ވުރެ ގިނަ ބައިވެެރިންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.
މުޒާހަރާތަކާ މެދު ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް، އެފަދަ މުޒާހަރާތަކެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް އަމަލުތައް ދިފާއު ކުރެއްވި އެވެ.
Comment