Advertisement

ދޮޅު މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލުވެއްޖެ

8 ސެޕްޓެންބަރު 2025 - 14:26 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ އަތޮޅު ގެސްޓްހައުސެއްގައި ޓޫރިސްޓުންތަކެއް ޗުއްޓީ ހޭދަކުރަނީ ---- ފޮޓޯ: ސްޓޯން ހޮޓެލްސް


ދޮޅު މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލުވެއްޖެ

8 ސެޕްޓެންބަރު 2025 - 14:26 1

މި އަހަރުގެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން ތަފާސްހިސާބު އާންމުކޮށްފައިވަނީ މިއަދު އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާ ހަމައަށް ރާއްޖެ އައީ 1،520،699 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.7 އިންސައްތަ އިތުރު އަދަދެކެވެ.

ފެބްރުއަރީ މަސް ފިޔަވާ މި އަހަރުގެ ހުރިހާ މަހެއްގައި ވެސް މިދިޔަ އަހަރަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައެވެ. މި މަސް ފެށުނު ފަހުން ރާއްޖެއަށް 33،773 ޓޫރިސްޓުން އައިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާ އާއި އަޅާބަލާއިރު 23 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެ ގައުމުން ޓޫރިޒަމް މާކެޓުގެ 15.8 އިންސައްތަ ހިއްސާކުރެ އެވެ. ދެވަނައިގައި ރަޝިޔާ އޮތް އިރު، މި އަހަރުގެ ކުރީކޮޅު ދެވަނައަށް އެރި އިނގިރޭސިވިލާތް މިހާރު އޮތީ ތިންވަނައިގަ އެވެ.

މިދިޔަ އަހަރުން ފެށިގެން ދަށްވަމުން އަންނަ އިންޑިއާ މާކެޓު އަދިވެސް އޮތީ ހަ ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން އައިސްފައިވަނީ 87,410 ޓޫރިސްޓުންނެވެ.

ރާއްޖެ އައި 1.5 މިލިއަން ޓޫރިސްޓުންގެ ތެރެއިން 1.1 މިލިއަން ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކަށް ދިޔައީ 332,328 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން އައި ހަމައެކަނި އަހަރަކީ 2024 އެވެ. މިދިޔަ އަހަރު ނިންމާލީ ޖުމްލަ 2,046,615 މިލިއަން ޓޫރިސްޓުންނާއެކު އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެހެންކަމުން ބާކީ މި އޮތް ތިން މަހާއި ތިން ހަފުތާގެ ތެރޭގައި އަށް ލައްކަ ޓޫރިސްޓުން ރާއްޖެ އަންނަން ވާނެ އެވެ.

ނަމަވެސް، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަށްވުރެ ގިނަ ވާނެ ކަމަށް އެޕްރީލް މަހު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.