3 ޖަނަވަރީ 2026 - 15:10 1
އަމަން ހަލީމް
ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުގެ އާ ޓާމިނަލް، ޓީވަންގައި ޓޫރިސްޓުންތަކެއް: މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައީ އޭގެ ކުރީ އަހަރު ވެސް އައި ގައުމުތަކުން --- ފޮޓޯ: އެމްއޭސީއެލް
3 ޖަނަވަރީ 2026 - 15:10 1
ޓޫރިޒަމް ސިނާއަތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ތިން ގައުމަކުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އަހަރަކީ ނިމުނު އަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ އެންމެ ފަހުގެ އެރައިވަލް ރިޕޯޓުން ދައްކާ ގޮތުގައި، އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އާއި ރަޝިއާ އާއި އިނގިރޭސިވިލާތް (ޔޫކޭ) އިންނެވެ. އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ޗައިނާއިން ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު، ރަޝިއާ އާއި ޔޫކޭއިން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި އެވެ.
މީގެ ކުރީ އަހަރުތަކުގައި ޓޫރިޒަމްގެ އެއް ނަމްބަރާއި ދެ ނަމްބަރުގައި އޮތް ގައުމުތަކުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ތިން ވަނައިގައި އޮތް ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި މިއީ ފުރަތަމަ ފަހަރެވެ.
މި އަހަރު އެއް ނަމްބަރުގައި އޮތް ޗައިނާއިން 329،286 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ ފަހުން އެ ގައުމުން ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި ފުރަތަމަ އަހަރެވެ. އެކަމަކު ޗައިނާއިން އެންމެ ގިނަ ޓޫރިސްޓުން އައި އަހަރުގެ ރެކޯޑު (2015: 359،514) މި އަހަރަކު މުގުރާ ނުލެވުނެވެ.
އެކަމަކު މިދިޔަ އަހަރުގެ ޓޫރިޒަމް އެރައިވަލްގެ ގަދަ ދިހައެއްގައި އޮތް ގައުމުތަކުގެ ތެރެއިން ޗައިނާ އާއި އިންޑިއާ ނަގާފައި އެހެން ހުރިހާ ގައުމަކުން ރެކޯޑު އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓާއި 2024 ގެ ލިސްޓާ އަޅާބަލާއިރު، ތަރުތީބުގައި އެއްވެސް ތަފާތެއް ނެތެވެ. އަދި، މި އަހަރުގެ ލިސްޓުގައި ވެސް ގިނައީ، ޒަމާނުއްސުރެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ، ވިލާތުގެ ގައުމުތަކެވެ.
މިދިޔަ އަހަރު ރެކޯޑު އަދަދަކަށް (2.2 މިލިއަން) ޓޫރިސްޓުން އައި ނަމަވެސް، ބަޖެޓުގައި އަންދާޒާ ކުރި ވަރަށް 2.3 މިލިއަން ޓޫރިސްޓުން ނާދެ އެވެ. ނަމަވެސް އަހަރުންއަހަރަށް ބަލާއިރު، ޓޫރިސްޓުން އައި އަދަދު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އިތުރުވެފަ އެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ވެސް ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުވެ، ދުވެލި ބާރު ވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު 2.4 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.
Comment