Advertisement

އަހަރުގެ ފުރަތަމަ ފަސް ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިން

7 ޖަނަވަރީ 2026 - 16:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންތަކަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން މަރުހަބާ ކިޔަނީ ---- ފޮޓޯ: އެމްއޭސީއެލް


އަހަރުގެ ފުރަތަމަ ފަސް ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިން

7 ޖަނަވަރީ 2026 - 16:54 0

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ އާންމުކުރި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ ފުރަތަމަ ފަސް ދުވަހު ޖުމްލަ 35،732 ޓޫރިސްޓުން ރާއްޖެ އައެވެ. މީގެ ތެރެއިން 98 ޕަސެންޓު ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ވަކި ގައުމުތަކަށް ބަލާއިރު ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިޔާއިން 7،504 ޓޫރިސްޓުން އައެވެ. ދެވަނައިގައި އޮތް އިޓަލީ އިން 6،013 ޓޫރިސްޓުން އައި އިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައީ 2،288 ޓޫރިސްޓުންނެވެ.

ވޭތުވެދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން އަހަރުގެ ފުރަތަމަ ފަސް ދުވަހު އައީ 957 ޓޫރިސްޓުންނެވެ. އެ ގައުމު މިހާރު އޮތީ ހަތްވަނައިގަ އެވެ. ނަމަވެސް މިއީ ފެސްޓިވް ސީޒަނުގައި އާންމު ހާލަތެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިޔާއިންނެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ މި އަހަރު ވެސް އޮތް އިޓަލީ އާއި އިނގިރޭސިވިލާތެވެ.

މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 7،146 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެންމެ ގިނަ މީހުން އައީ ޖެނުއަރީ 2، ގަ އެވެ. އެ ދުވަހު އެކަނި ރާއްޖެއަށް 8،082 ޓޫރިސްޓުން އައެވެ.

މިދިޔަ އަހަރު ރެކޯޑު އަދަދަކަށް (2.2 މިލިއަން) ޓޫރިސްޓުން އައި ނަމަވެސް، ބަޖެޓުގައި އަންދާޒާ ކުރި ވަރަށް 2.3 މިލިއަން ޓޫރިސްޓުން ނާދެ އެވެ. ނަމަވެސް އަހަރުންއަހަރަށް ބަލާއިރު، ޓޫރިސްޓުން އައި އަދަދު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އިތުރުވެފަ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ވެސް ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުވެ، ދުވެލި ބާރު ވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު 2.4 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.