Advertisement

ސަރުކާރުން ވިޔަފާރިތައް ނެތިކޮށްލައި ރައްޔިތުން ހާލުގައި ޖައްސައިފި، ނުކުމެ މިތިބީ ވެރިކަން ބަދަލު ކުރަން: އަލީ އާޒިމް

8 ސެޕްޓެންބަރު 2025 - 14:05 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް -- ފޮޓޯ: އަދަދު ފައިލް


ސަރުކާރުން ވިޔަފާރިތައް ނެތިކޮށްލައި ރައްޔިތުން ހާލުގައި ޖައްސައިފި، ނުކުމެ މިތިބީ ވެރިކަން ބަދަލު ކުރަން: އަލީ އާޒިމް

8 ސެޕްޓެންބަރު 2025 - 14:05 2

މި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލައި ރައްޔިތުން ނިކަމެތި ކޮށްފައިވާ ކަމަށާއި އެމްޑީޕީން ނުކުމެ ތިބީ މި ވެރިކަން ބަދަލު ކުރުމަށް ކަމަށް މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ދޫކުރަން ޖެހޭ އެތައް މިލިއަން ފައިސާއެއް ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުކުމެ މިތިބީ މުއިއްޒު ބާލަންވެގެން، އަޅުގަނޑުމެން ނުކުމެ މިތިބީ މި ވެރިކަން ވައްޓާލަން ވެގެން، މި ވެރިކަން ބަދަލު ކުރަންވެގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ މި ވެރިކަން ބަދަލު ކޮށްފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ހުރުމުން އެ ރައްޔިތުން ނިކަމެތިވެ ބިކަވެގެންދާތަން ބަލަން އެމްޑީޕީން ނޯންނާނެ ކަމަށެވެ. މި ވެރިކަން ނިމުމަކަށް ނުގެނެސް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތް ނުނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން މަގުތައް މައްޗަށް ނުކުމެ ރައްޔިތުންނަށް ޖެހިފައިވާ އުނދަގޫތަކުގެ އަޑު އުފުލަން އާޒިމް ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި ހުރި ދަތިތަކަށް ހައްލު ހޯދޭނީ ސިޔާސީ ޕާޓީތަކުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ކަމަށެވެ.

"ތަކެތީގެ އަގު އެ ދަނީ އުފުލެމުން، ކަރަންޓު ބިލު ދަށްވީކީ ނޫން، ފެން ބިލު ދަށަށް ދިޔައީކީ ނޫން، މި ކަންކަމާމެދު ނުވިސްނައި ސިޔާސީ މީހުންނަށް ސިޔާސީ ކަންކަމުގައި ކުރަމުންދާ ހަރަދު އެދަނީ އެތައް ގުނައަކުން އިތުރުވަމުން، ދަތުރުފަތުރު ހުއްޓެނީކީ ނޫން، ވަޒީރުން ކުރާ ދަތުރުތައް އެދަނީ މެދުކެނޑުމެއް ނެތި ފަސްޓު ކްލާހުގައި ބިޒްނެސް ކްލާހުގައި ކުރަމުން،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން އެ އުޅެނީ އަމިއްލައަށް ބޭސްކޮޅު ނުލިބިގެން، ކަރަންޓު ބިލު ނުދެއްކިގެން ފެން ބިލު ނުދެއްކިގެން، ފޯނު ބިލު ނުދެއްކިގެން ކުލި ނުދެއްކިގެން އުޅޭ ރައްޔިތުން މަދެއް ނޫން."

އެމްޑީޕީން މިހާރު ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.