Advertisement

އެމްއޭސީއެލްއިން ހަވާލުވީ ނުވަ ޑޮމެސްޓިކް އެއާޕޯޓުގެ ހާލަތު ދެނެގަންނަނީ

7 ސެޕްޓެންބަރު 2025 - 13:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއޭސީއެލްއިން ހަވާލުވީ ނުވަ ޑޮމެސްޓިކް އެއާޕޯޓުގެ ހާލަތު ދެނެގަންނަނީ

7 ސެޕްޓެންބަރު 2025 - 13:36 0

މޯލްޑިވްސް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) އެއްކޮށްލަން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ މަހު އެ ކުންފުނިން ހިންގަން ހަވާލުވީ ނުވަ ޑޮމެސްޓިކް އެއާޕޯޓުގެ ހާލަތު ދެނެގަންނަން އެ ކުންފުނިން މިއަދު އެސެސެމަންޓެއް ފަށައިފި އެވެ.

އެމްއޭސީއެލްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަންނަން ފެށި މަސައްކަތުގެ ދަށުން އެ ކުންފުނީގެ ސީނިއާ މެނޭޖުމަންޓާއި ޓެކްނިކަލް ޓީމުން ގޮސް، އެ އެއާޕޯޓުތަކުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަންނާނެ ކަަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލްގެ ޓީމުން ވަނީ ހުސްވި ހަފުތާގެ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ގޮސް، އެ ތަނުގެ ހާލަތު ބަލައި، އެ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.

ފުވައްމުލައް އެއާޕޯޓަށް އެމްއޭސީއެލްގެ ޓީމެއް ޒިޔާރަތްކުރިއިރު، އެ އެއާޕޯޓުގެ ފަޔާ ޓްރަކެއް ހަލާކުވެގެން ސެޕްޓެމްބަރު 1، ގައި އެއާޕޯޓު ބަންދުކުރި އެވެ. ފަޔާ ޓްރަކް ހެދުމަށްފަހު އެއާޕޯޓު ހުޅުވީ 48 ގަޑިއިރު ފަހުންނެވެ.

އާރުއޭސީއެލްއިން ހިންގަމުން އައި އެއާޕޯޓުތަކުގެ ތެރޭގައި މިހާރު ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކައްދޫ އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ހޯރަފުށީ އެއާޕޯޓާއީ މާވަރުލު އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓު ހިމެނެ އެވެ.

އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމަކީ ސަރުކާރުގެ އެސްއޯއީ ރިފޯމް ޕްލޭންގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މިހާތަނަށް ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ކުރަން ނިންމި ގޮތަށް ކުރިއަށްދާ ހަމައެކަނި ކަމަކީ ވެސް މިއީ އެވެ. ދެން ހުރި ކުންފުނިތަކާ ގުޅިގެން ސަރުކާރުން ރޭވި ގޮތް ވަނީ ބަދަލުވެެފަ އެވެ.