Advertisement

ވިސްލްބްލޯކުރި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުވައްޒަފަކު ވަކިކުރީ ބަދަލުހިފުމަށް ކަމަށް ނިންމައިފި

6 ސެޕްޓެންބަރު 2025 - 16:00 7

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޮޓޯ: ޝަޓާސްޓޮކް


ވިސްލްބްލޯކުރި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުވައްޒަފަކު ވަކިކުރީ ބަދަލުހިފުމަށް ކަމަށް ނިންމައިފި

6 ސެޕްޓެންބަރު 2025 - 16:00 7

ވިސްލްބްލޯކުރި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ މުވައްޒަފަކު ވަކިކުރީ ބަދަލުހިފުމުގެ ގޮތުން ކަމަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމައިފި އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި މައްސަލައިގައި ބުނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެ އޮފީހުގައި ހިނގާފައިވާ ނޭދެވޭ އަމަލުތަކެއްގެ މައްސަލަ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް އެންޑް ޖެންޑާ ކޮމިޓީއަށް ވިސްލްބްލޯކުރުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އަހުލާގު ހުރިގޮތުން ތަނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑު ކަމުންކަމާއި އޮފީހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުމާއި، އޮފީސް މާހައުލުގައި ފިތުނަ ފަސާދަ އުފެއްދުމާއި، ސާބިތުނުހިފޭ ވާހަކަތައް ތަކުރާރުކޮށް ދެއްކުމާއި އަދަބު އިހުތިރާމު ކުޑަވާގޮތަށް ތަކުރާރުކޮށް ދެއްކުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ވަކިކުރި މުވައްޒަފުގެ އެޕްރައިޒަލްއިން 70 ޕަސަންޓަށް ވުރެ ދަށުން މާކްސް ލިބިފައިވުމުން އެޕްރައިޒަލްއިން ފާސްނުވާ ކަމަށް ތަހުގީގަށް ހުށަހެޅި ލިޔެކިޔުމުން ފާހަގަވެ އެވެ. ނަމަވެސް 2020 އިން ފެށިގެން 2024 ގެ ނިޔަލަށް ހަދާފައިވާ ހަތަރު އެޕްރައިޒަލްއިން ވެސް އެ މުވައްޒަފުގެ އެޕްރައިޒަލްއަށް 70 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިފައިވާއިރު، ހުށަހެޅި ލިޔެކިޔުންތަކުން ޕާފޯމަންސްގެ މައްސަލައެއް އުޅޭކަން ފާހަގަނުވާކަން ވިސްލްބްލޯވާ ޔުނިޓުން ފާހަގަކުރި އެވެ.

ވިސްލްބްލޯވާ ޔުނިޓުގެ ތަހުގީގުން ފާހަގަވި ގޮތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުގެ އެޕްރައިޒަލްގައި ސޮއިކުރީ އޭނާގެ ކުރީގެ ސުޕަވައިޒަރު ކަމާއި ސޮއިކުރީ ވެސް އެ ސުޕަވައިޒަރު ވަޒީފާއިން ވަކިވި ތާރީހުގެ ފަހުގެ ތާރީހެއްގަ އެވެ.

މީގެއިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އިން ވަކިކުރި މުވައްޒަފާ ދެކޮޅަށް ކާކުކަން ނޭގޭ މީހަކު މައްސަލައެއް ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހެޅި އެވެ.

"ވިސްލްބްލޯކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ބަޔާންދިން ވަގުތާ ގުޅުވައި، ކުއްލިގޮތަކަށް ގިނަ މައްސަލަތަކެއް އުފަންވެފައިވާތީ މަޖިލީހަށް މުވައްޒަފު މައުލޫމާތު ދީފައިވާ މުއްދަތުގެ ފަހުން އޭނާއަށް ކުރިމަތިވެފައިވާ ވަޒީފާގެ މައްސަލަތަކަކީ ވިސްލްބްލޯކޮށްފައިވާ މައްސަލައާ ގުޅިގެން ކުރިމަތިވެފައިވާ މައްތަލަތަކެއްކަމުގައި ބެލުމުގެ އިހްތިމާލު އޮތް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ،" ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އިން ވަކިކުރި މުވައްޒަފަށް ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރުއީ ކޯޓަށް ދިޔުމުގެ ފުރުސަތު އޮތްކަން އޭނާއަށް ވަނީ އަންގާފަ އެވެ.

މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގައި ހިނގަމުންދާ ކޮރަޕްޝަންގެ ވާހަކަތައް ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް، ވިސިލްބްލޯކުރި މުވައްޒަފު ވަޒީފާއިން ވަކިކުރީ ބަދަލުހިފުމުގެ ގޮތުން ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިދިޔަ އޭޕްރީލް މަހު ނިންމި އެވެ.

އެ މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވިސިލްބްލޯވާ ޔުނިޓުން ވަނީ ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އޭގެއިތުރުން ވަޒީފާ އިން ވަކިކުރި މުވައްޒަފުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް ވިސިލްބްލޯވާ ޔުނިޓުން އޭރު އަމުރުކުރި އެވެ.

މީގެ ހަ އަހަރު ކުރިން 2019 ގައި ވުޖޫދުވި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، އަމުރާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން އެއް މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ޔުނިޓަށް ލިބެ އެވެ.