Advertisement

ކުޑަކުދިންނަށް ހިޔާލު ފާޅުކުރެވޭ މާހައުލެއް ހޯދަން މަސައްކަތް ކުރާނަން: އޮމްބަޑްސްޕާސަން

10 މޭ 2023 - 11:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު؛ ކުޑަކުދިންގެ ދުވަހާ ގުޅިގެން އޮމްބަޑްސްޕާސަންގެ ހާއްސަ މެސެޖެއް ހިއްސާކުރެއްވި - ފޮޓޯ: ހުސައިން ޝަޔާހު / އަދަދު


ކުޑަކުދިންނަށް ހިޔާލު ފާޅުކުރެވޭ މާހައުލެއް ހޯދަން މަސައްކަތް ކުރާނަން: އޮމްބަޑްސްޕާސަން

10 މޭ 2023 - 11:38 0

ކުޑަކުދިންގެ ހައްގުގައި، ސްކޫލުގެ މާހައުލާއި މުޖުތަމައުގައި އެ ކުދިންނާ ގުޅުން ހުރި ކަންކަމުގައި އެ ކުދިންގެ ހިޔާލާއި ރައުޔު ހާމަކުރުމުގެ ފުރުސަތު ފަހިވެފައިވާ މުޖުތަމައެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާއަށް ދޫކޮށްލި ނިއުމަތުގެ ވީޑިއޯ މެސެޖުގައި ވިދާޅުވީ ކުޑަކުދިންނަށް ލިބޭ ކޮންމެ ފުރުސަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެ ކުދިންނާ ގުޅުން ހުރި ކަންކަމުގައި ހިޔާލާއި މަޝްވަރާ ދޭން ކެރޭ ކުދި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"ތިޔަ ކުދިންގެ ހައްގުގައި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކޮށް އުފާވެރި ރައްކާތެރި ވެއްޓެއް ގާއިމްކުރުމުގައި ތިޔަ ކުދިންގެ ހިޔާލާއި ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރާނަން،" ނިއުމަތު ވިދާޅުވި އެވެ.

އޭނާ އެންމެ ދެކެން ބޭނުން ވަނީ ވެސް ކުދިންގެ އަޑުއަހައި، ކުދިންގެ ހިޔާލާއި ރައުޔު ހާމަކުރުމުގެ ފުރުސަތު ފަހިވެފައިވާ މާހައުލެއް އޮތް މުޖުތަމައުއަކަށް ދިވެހި މުޖުތަމައު ވެގެން ދިޔުންކަން ވެސް ނިއުމަތު ފާހަގަ ކުރެއްވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ވުޖޫދަށް އައިސް، އެ ގާނޫނުގެ ދަށުން ޗިލްޑްރެންސް އޮމްބަޑްސްޕާސަން އުފެއްދީ ޖުލައި، 2020، ގަ އެވެ.

އެ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމާއި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކާއި ވުޒާރާ މޮނިޓާކޮށް އިވެލުއޭޓް ކުރުމާއި އެ ތަންތަނުގެ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުން ހިމެނެ އެވެ.

ރާއްޖޭން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް އަމަލުކުރާ މިންވަރު ބެލުމަކީ ވެސް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.