Advertisement

ހަނިފަރުގެ ހިމާޔަތުގައި ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް، މިހާތަނަށް 3،000 ސޮއި ލިބިއްޖެ

5 ސެޕްޓެންބަރު 2025 - 17:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަނިފަރު ބޭ އަދި ދޮންފަނު. އެ ދެމެދުގައި ހުންނަނީ ގާތްގަނޑަކަށް އެއްކިލޯމީޓަރު --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ހަނިފަރުގެ ހިމާޔަތުގައި ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް، މިހާތަނަށް 3،000 ސޮއި ލިބިއްޖެ

5 ސެޕްޓެންބަރު 2025 - 17:42 0

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއު ހުއްޓުވަން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. އޮގަސްޓު 13، ގައި އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މީގެ ދެ ދުވަސް ކުރިން ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އެ ޕެޓިޝަން ހިއްސާ ވެސް ކުރަމުންނެވެ.

ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދޮންފަނު ބިން ހިއްކުުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އޭގެ އަސްލު ސިފައިގައި ދެމި އޮތުމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ތިމާވެށީގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދަށާއި ދިވެހި ސަގާފަތަށް ވެސް އަސަރުކުރާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފަ އެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ފީނުން މަނަ އެވެ.

ހަނިފަރަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ މަޝްރޫއުއެއް ސަރުކާރުން ހިންގާއިރު ކުރިއަށް އޮތް ފަސް އަހަރަށް އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެންވަރަމަންޓު މިނިސްޓްރީން އާންމުކުރީ މި އަހަރު ތެރޭގަ އެވެ.

އެ ޕްލޭންގައިވާ ގޮތުން ހަނިފަރު ބޭ އޭރިއާއަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ސަރަހައްދުގެ ވަށައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. ވަކިން ހާއްސަކޮށް ބިން ހިއްކުން ނުރައްކަލެއްގެ ގޮތުގައި ފަލަ އަކުރުން ލިޔެފައިވެ އެވެ.

ހަނިފަރު ބޭގައި ހިންގާ ހަރަކާތްތަކަކީ އެ ސަރަހައްދުގެ ދިރުންތަކަށް ވީހާވެސް ކުޑަ ގެއްލުމެއް ލިބޭނެ ގޮތަށް ހިންގަން ޖެހޭ ހަރަކާތްތަކެއް ކަމަށް އެ ޕްލޭންގައި ބަޔާންކޮށްފައި ވެ އެވެ.