4 ސެޕްޓެންބަރު 2025 - 09:42 0
އަމަން ހަލީމް
މި އަަހަރުގެ ދައުލަތުގެ ބަޖެޓު ފޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މޭޒު މަތީގައި: މި އަހަރު ގިނަ ހަރަދުތަކެއް ކުޑަ ކުރަން ރޭވި ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
4 ސެޕްޓެންބަރު 2025 - 09:42 0
ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރު ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރާނެ ކަމަށް ބުނި ނަމަވެސް އަހަރުގެ މިހާތަނަށް ބަޖެޓުކުރި ވަރަށް ވުރެ ތިން ގުނަ އިތުރަށް ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އިއްޔެ ޝާއިއުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ފަހު ހަފުތާގެ ނިޔަލަށް އިންވެސްޓުމަންޓުގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ވަނީ 1.2 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
މީގެ ކުރިން ފިނޭންސުން ބުނެފައިވާ ގޮތުގައި އިންވެސްޓުމަންޓުގެ ގޮތުގައި ރެކޯޑުކުރާ ފައިސާއަކީ ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ހަރަދުކުރާ ފައިސާ އާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގައި ބެހެއްޓިފައި ހުރި ރައުސުލްމާލު ކަމަށެވެ. އެކަމަކު ބޭރުގެ މުއައްސަސާތަކުގައި ބަހައްޓާފައި ހުރި ރައުސުލްމާލަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.
ސަރުކާރު ކުންފުނިތަކަށް މި ވަރަށް ފައިސާ ދޫކުރިއިރު، މި އަހަރު ސަރުކާރު ކުންފުނިތަކަށް އިންވެސްޓުކުރަން ބަޖެޓު ކުރީ 378 މިލިއަން ރުފިޔާ އެވެ. އެކަމަކު އަހަރުގެ މިހާތަނަށް ވަނީ މިދިޔަ އަހަރާ އަޅައިބެލި ނަމަވެސް އިތުރަށް ހަރަދުކޮށްފަ އެވެ.
މި އަހަރަށް ބަޖެޓު ފާސްކުރި މަރުހަލާގައި ސަރުކާރުން ވަނީ ކުންފުނިތައް ރިފޯމްކޮށް، އެ ކުންފުންޏަކަށް ލިބޭ ފައިސާއިން ހަރަދުތައް ހަމަޖައްސަން ހާއްސަ މަސައްކަތްތަކެއް ކުރުމުގެ ވާހަކަ ވަރަށް ގަދަޔަށް ދައްކާފަ އެވެ. އަދި މިކަން ކުރަން ކުންފުނިތައް ރިފޯމްކުރުމުގެ ޕްލޭނެއް ވެސް އާންމުކުރި އެވެ. މި ރިފޯމް ޕްލޭނުގައި ހިމެނެނީ:
ބަޖެޓުގައި މިކަންކަން ކުރަން ޖެހި ނަމަވެސް، މި ރިފޯމް މަސައްކަތުގެ ދަށުން އެއްވެސް ވަރަކަށް ކުރިއަށްދާ ކަމަށް ފެންނަނީ އާރުއޭސީއެލް އައި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތެވެ. މިފަހުން އެމްއޭސީއެލްއިން ވަނީ އާރުއޭސީއެލް ހިންގި އެއާޕޯޓުތައް ހިންގުމާ ހާވަލުވެފަ އެވެ.
ނަމަވެސް އެ ނޫން ކަމެއް ކުރިއަށްދާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ކުންފުނިތަކުގެ މަސައްކަތުގެ ދާއިރާއިން ބޭރުން ސަރުކާރުގެ ޕްރޮޖެކްޓުތައް ހަވާލުކުރަމުންދާ ތެނެވެ.
މީގެ ތެރޭގައި މިހާރު ވެސް މާލީ ހާލަތު ގޯސް، ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކުންފުނިތައް ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި ފެނަކަ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހިމެނެ އެވެ.
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ބުނި މަސައްކަތް ނުހިނގާ ތަނުގައި، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ޕްލޭނުގެ އެ ނޫން ވެސް ކަމެއް ނުހިނގަ އެވެ. އަދި އެފަހުން އޭގެ ތެރެއިން ބައެއް ސިޔާސަތުތައް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވާތީ މިހާރު ސަރުކާރުގެ ޕްލޭނަކީ ކޮބައި ކަމެއް ވެސް ކަށަވަރެއް ނޫނެވެ.
ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސުން އަންދާޒާކުރި އެވެ. އެކަމަކު މި އެޖެންޑާ ތަންފީޒު ނުވާތީ އަހަރުގެ ބާކީ އޮތް ތަނުގައި މި ވަރަށް ހަރަދުތައް ކުޑަކުރެވުމަކީ ނާދިރު ކަމެކެވެ. މިހެން ކަމުން މި އަހަރު ފާސްކުރި ބަޖެޓުގައި ޖެހި ވަރަށް ވުރެ ބަޖެޓު ޑެފިސިޓު ބޮޑު ވާނެ އެވެ.
މިހެން ނަމަވެސް އެންމެ ފަހުން އާންމުކުރި ރިޕޯޓާ ހަމައަށް ވެސް ބަޖެޓު 534 މިލިއަން ރުފިޔާއިން ސާޕްލަސް އެވެ. ބަޖެޓު ސާޕްލަސް ވަމުން އަންނަނީ ބަޖެޓު ކުރި ގޮތަށް ކެޕިޓަލް ހަރަދުތައް ނުކުރާތީ އެވެ. މި އަހަރު ކެޕިޓަލް ހަރަދުތަކަށް 12 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް އަދި ހަރަދު ކުރީ 3.1 ބިލިއަން ރުފިޔާ އެވެ.
Comment