3 ސެޕްޓެންބަރު 2025 - 16:35 1
މުހައްމަދު ޝަހްޒާން
މާލޭ ރޯމަސް މާރުކޭޓު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
3 ސެޕްޓެންބަރު 2025 - 16:35 1
މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދި މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ބަޔަކާ ހަވާލު ކުރި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު އެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނާ ހިލާފަށް މަސް މާރުކޭޓު ބަޔަކަށް ދިން މައްސަލަ މާލެ ސިޓީ ކައުންސިލުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށާއި އެ މައްސަލައިގައި ކަން ހިނގާފައި ވާގޮތް ބެލުމަށް އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް މިއަދުގެ ޖަލްސާއަށް ހާޒިރު ކުރުމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ފަށަން އޮތް ވަގުތު ފާއިތުވެގެންދިޔައިރު ވެސް ކައުންސިލުގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލުގެ މި ހަފުތާގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލް ކުރިއިރު، މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެއްސި ޖަލްސާ ވެސް ވަނީ ކޯރަމް ނުވެގެން ކެންސަލް ކޮށްފަ އެވެ.
މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ. ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް އެވެ.
އެ ދެ އެއްބަސްވުމުގެ ތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް މީގެ ކުރިން ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވެފައިވެ އެވެ.
މިއަދުގެ ޖަލްސާއަށް އަލީ ނަސީރު ގާސިމް ހާޒިރު ކުރުމަށާއި އެ މައްސަލަ ބަލައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރި ކުރުމަށް ކައުންސިލަރު ސައިފް އެ މައްސަލަ ހުށަހެޅުއްވީ އެ ސަބަބާ ހުރެ އެވެ.
އޭގެއިތުރުން މަސް މާރުކޭޓު ހަވާލު ކުރުމަށް ކައުންސިލުން ކޮށްފައިވާ ދެ އެއްބަސްވުމާއި ކަމާބެހޭ ލިޔެކިޔުންތައް ހޯދުމަށް ވެސް ސައިފް ހުށަހަޅުއްވާފައިވެ އެވެ.
މަސް މާރުކޭޓު މައްސަލައިގެ އިތުރުން މާލެ ސަރަހައްދުން ކަރަންޓު ކެނޑޭ މައްސަލައިގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ނުވަތަ އެ ކުންފުނީގެ އިސް ފަރާތެއް މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރުމަށް ވެސް ސައިފް ހުށަހަޅުއްވާފައި އޮތެވެ. އަދި މިއަދުގެ އެޖެންޑާގައި އެ މައްސަލަ ހިމަނުއްވާފައި ވެސް އޮތެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ މައްސަލަ ވެސް މިއަދު ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.
Comment