Advertisement

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް "އުދުހިލަން" ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފި

3 ސެޕްޓެންބަރު 2025 - 12:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް "އުދުހިލަން" ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފި

3 ސެޕްޓެންބަރު 2025 - 12:33 0

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޔުނިސެފް މޯލްޑިވްސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެން "އުދުހިލަން" ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެމްޕެއިނެއް އިއްޔެ ލޯންޗުކޮށްފި އެވެ.

އުފާވެރި އަދި ރައްކާތެރި މުޖުތަމައުއެއް ބިނާކޮށް ކުޑަކުދިންނަށް ކުރާ އަނިޔާތައް ނިމުމަކަށް ގެނައުމުގެ މަގްސަދުގައި ފެށި އެ ކެމްޕެއިން ލޯންޗުކުރީ އެކި ދާއިރާތަކުގައި ހިމެނޭ އެންމެން އެއް މޭޒަކަށް ގެނެސް، މަޝްވަރާތައްކޮށް، ހައްލުތައް ދެނެގަތުމަށްފަހުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެ އެވެ.

އެފްޕީއޭގެ ސީއީއޯ، އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯގައި ފިޔަގަނޑެއް ހިމަނާފައި ވަނީ މިނިވަންކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. ކުއްޖާއަށް އަމިއްލަ މިނިވަންކަމާއެކު ހުނަރު ތަރައްގީކޮށް ބޭނުންވާ ހިސާބަކަށް ދިޔުމަށް ކެމްޕެއިނުގައި ބާރު އަޅާނެ ކަމަށް ޝިރާނީ ވިދާޅުވި އެވެ.

"ކުދިންގެ ގާބިލުކަން ތަރައްގީކޮށް، އެކުދިންގެ އެންމެ މަތީ ގާބިލުކަމަށް ވާސިލުވުމަށްޓަކައި ރައްކާތެރި މާހައުލުތަކުގައި ތަރުބިއްޔަތުކުރަން ޖެހޭކަން އެކުދިން ހަނދާންކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ޑރ. އެޑްވާޑް އަދާއީ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ކެމްޕެއިނުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ކުއްޖެއްވެސް ބޮޑުވާންޖެހޭނީ ބިރެއް ނެތި. ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ލޯތްބާއި އަޅާލުން ލިބެންޖެހޭ. ކުޑަކުދިން ރައްކާތެރިކޮށްގެން ރާއްޖޭގެ މުސްތަގުބަލުވެސް އުޖާލާވާނީ،" އޭނާ ވިދާޅުވި އެވެ.

އުދުހިލަން ކެމްޕެއިނުން އާއިލާތަކާއި މުޖުތަމައުތަކާއި މުއައްސަސާތައް މަސައްކަތް ކުރާނީ ރައްކާތެރިކަމާއި ލޯތްބާއި އަދި އެއްބާރުލުން ދީގެން ހުރިހާ ކުޑަކުދިންނަށް ރަނގަޅު މުސްތަގުބަލެއް ލިބި ކުރިއަރައިގެންދާކަން ކަށަވަރު ކުރުމަށެވެ.

މިދިޔަ އަހަރު ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާގެ 300 އެއްހާ މައްސަލަ އެފްޕީއޭއަށް ރިޕޯޓުކުރި އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 300 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނަށް ފެންނަ ގޮތަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލަތެކެވެ.