2 ސެޕްޓެންބަރު 2025 - 11:55 5
ސާއިފް ޝިޔާދު
2 ސެޕްޓެންބަރު 2025 - 11:55 5
ބާ ކައުންސިލުން ހުއްދަ ހިފަހައްޓާފައިވާ ގާނޫނީ ވަކީލު ޒުންނަވާރު ސަލީމް ގާނޫނީ ހިދުމަތް ދިނުމަށާއި ސިޓީއެއް ލިޔުމަށް ފައިސާ ނެގުމަށް ފަހު ފިލި މައްސަލައެއްގައި އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަފީޒާ އަބްދުލްޣަނީމް، ގ. ގްރީންބީންސް، މާލެ، ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޒުންނަވާރުގެ މީނާޒް ލޯ ފާމުން ހޯދަން އެދުނު ގާނޫނީ ހިދުމަތް ހަ މަސްދުވަސްވީއިރު ވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެ މައްސަލާގައި އެޑްވާންސްގެ ގޮތުގައި 5،000ރ. އަދި ކުންފުންޏަކަށް ސިޓީއެއް ލިޔެދިނުމަށް 1،000ރ. ހަފީޒާ ދެއްކި އެވެ.
އެ މަސައްކަތާ ހަވާލުވި ޒުންނަވާރު ފޯނު ނުނަގާ ކަމަށާއި އަދި މައްސަލަ ކޯޓަށް ހުށަހެޅޭނެ ދުވަހެއް ވެސް އަންގާފައި ނުވާ ކަމަށް ދައުވާއިން އެނގެ އެވެ.
ކޯޓުން އޭނާގެ ޣައިރު ހާޒިރުގައި ހުކުމް ކުރީ އެޑްވާންސަށް ދެއްކި 5،000ރ. އާއި ސިޓީއެއް ލިޔަން ނެގި 1،000ރ. އާއެކު ޖުމުލަ 6،000ރ. ހަފީޒާއަށް ދައްކައި ހަލާސްކުރުމަށެވެ.
ޒުންނަވާރުގެ މައްޗަށް މިފަދަ އިތުރު މައްސަލައެއް ބާ ކައުންސިލަށް މިފަހުން ހުށަހަޅާފައިވެ އެވެ. އެއީ ގާނޫނީ ހިދުމަތް ހޯދުމަށް އެދުނު މީހެއްގެ އަތުން ގާތްގަނޑަކަށް 10،000ރ. ނެގުމަށް ފަހު ފޯނަށް ޖަވާބު ނުދީ ފައިސާ އަނބުރާ ދިނުމަށް ދެކޮޅު ހެދި މައްސަލައެކެވެ.
އޭގެ އިތުރުން، އެއްބަސްވުމެއްގައި އޭނާ ސޮއިކުރީ ވެސް ހައިސިއްޔަތު އޮޅުވާލައިގެންކަން ވަނީ އެނގިފަ އެވެ. އޭނާގެ ހުއްދަ އޮތީ 15 މަސްދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެއީ، އެހެން ވަކީލަކަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕް ބޭނުންކޮށްގެން އެއްބަސްވުމެއް ނޯޓަރަައިޒް ކޮށްދިން މައްސަލައެއްގަ އެވެ.
އެ މައްސަލާގައި އޭނާގެ އަންހެނުން މެހެނާޒު ހުސެއިންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފަ އެވެ. އެ މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންނާ ދެކޮޅަށް ފިޔަވަޅު އެޅީ، 2021 ގައި ނޯޓަރައިޒްކޮށްދިން މައްސަލައަކާ ގުޅިގެންނެވެ.
Comment