Advertisement

ހުޅުމާލޭގައި ހުންނަ މަޝްހޫރު ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން އަންގައިފި

about 3 hours 0

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ދިއްދޫ ހޮޓާ: މިއީ ގިނަ ބަޔަކު ދަންނަ، މަގުބޫލު ހޮޓަލެއް --- ފޮޓޯ: ދިއްދޫ ހޮޓާ ފޭސްބުކް ޕޭޖް


ހުޅުމާލޭގައި ހުންނަ މަޝްހޫރު ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން އަންގައިފި

about 3 hours 0

ހުޅުމާލޭގައި ހުންނަ އެންމެ ނަން މަޝްހޫރު ހޮޓާތަކުގެ ތެރޭގައި ހިމެނޭ "ދިއްދޫ ހޮޓާ" ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހުސްކުރަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން އެންގީ އެ ހޮޓާ ހުންނަ އިމާރާތުގެ ވެރިފަރާތާއި ހޮޓަލުގެ ވެރިފަރާތާ ދެމެދު ތަން ކުއްޔަށް ނަގަން ވެވުނު އެއްބަސްވުމާ މެދު ހިލާފު އުފެދިގެން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

ދިއްދޫ ހޮޓަލުގެ ކުލީގެ އެއްބަސްވުމާ މެދު ހިލާފު އުފެދިގެން ފުރަތަމަ މައްސަލައެއް ބެލީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުންނެވެ. މި މައްސަލަ އެ ކޯޓަށް ހުށަހެޅީ ދިއްދޫ ހޮޓާ ހުންނަ "ގުޑްވިލް" އިމާރާތުގެ ވެރިފާރާތް، ނައީމާ އާދަމެވެ.

ނައީމާ ކޯޓުގައި ބުނީ، އޭނާގެ އިމާރާތުގެ އެންމެ ތިރީ ބުރީގައި ހޮޓާ ހިންގަމުން އަންނަނީ އޭނާގެ ހުއްދައެއް ނެތި ކަމަށެވެ. މި ބުނާ އެއްބަސްވުމަކީ ޑިސެމްބަރު 31، 2023 ގައި މުއްދަތު ހަމަވެފައިވާ އެއްބަސްވުމެކެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވީ ނަމަވެސް، އޭރު ނަސީރަށް ތަނުން ނުކުމެވެން ނެތުމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އިމާރާތް ބޭނުންކުރަން ހުއްދަ ދިން ކަމަށް ނައީމާ ބުންޏެވެ. އަދި މައްސަލަ ގޯސްވީ، ނައީމާ ބުނި ގޮތުގައި، ފަހުން ދިން މުއްދަތުގެ ތެރޭގައި ވެސް ހޮޓާ ހުސްކުރަން ނަސީރު އެއްވެސް މަސައްކަތެއް ނުކުރުމުންނެވެ.

މި މުއްދަތަށް ތަން ހުސްނުކުރުމުން ނައީމާ ވަނީ ތިން މަަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރަން ލިޔުމުން ނަސީރަށް އަންގާފަ އެވެ. ނައީމާ ބުނީ، މި ތިން މަސް ދުވަސް ހަމަވީ ފަހުން ތަނުގެ ކުލި ވެސް ނުލިބޭ ކަމަށެވެ.

މި މައްސަލައިގެ ރައްދުގައި، ނަސީރު ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނީ ތަން ބޭނުންކުރަމުން އަންނަނީ ކުލި މުއްދަތު އިތުރު ތިން އަހަރަށް ދައްމާލަން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ނަސީރު ކޯޓުގައި އެދުނީ، ކުލި މުއްދަތު އިތުރުކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެ މުއްދަތަށް ތަން ބޭނުންކުރުމުގެ ހައްގު އޭނާއަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި، މި މުއްދަތުގެ ކުރިން ތަން ހުސްކުރަން ޖެހޭ ނަމަ، ތަން މަރާމާތުކުރަން ހަރަދު ކުރި ދެ މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އޭނާ އެދުނެވެ.

ނަސީރު ބުނީ އޭނާއަށް އަނގަބަހުން ޔަގީންކަން ދިން މީހަކީ ނައީމާގެ ފިރިމީހާ، އިދްރީސް ކަމަށެވެ. ކޯޓުން މައްސަލަ ނިންމުމުގައި އެންމެ ބޮޑަށް ބެލީ، ނައީމާގެ ފަރާތުން އެއްބަސްވުމާ ގުޅޭ ކަންކަމުގައި މުއާމަލާތްކުރުމުގެ ބާރު އިދްރީސް ކިޔާ މީހަކަށް ދީފައިވާކަން ސާބިތުވޭތޯ އެވެ.

ހުކުމުގައި ވަނީ ނައީމާގެ ފަރާތުން އިމާރާތް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން މުއާމަލާތްކުރުމުގެ ބާރު އިދްރީސްއަށް ދީފައިވާކަން އެނގޭނެ ހެއްކެއް ނަސީރު ހުށަހަޅާފައި ނުވާ ކަމަށެވެ. ކޯޓުން ނިންމީ އިދްރީސްއަކީ އެ ފަދަ މުއާމަލާތެއް ކުރުމުގެ ބާރު ލިބިގެން ނުވާ މީހެއް ކަމަށެވެ.

ކުލި މުއްދަތު އިތުރުކުރަން އެއްބަސްވެފައިވާ ކަން ސާބިތުނުވާތީ ކޯޓުން ހުކުމް ކުރީ، އިމާރާތް މަރާމާތުކުރަން ނަސީރު ހަރަދު ކުރި ފައިސާ އާއި ވިޔަފާރި ހުއްޓާލަން ޖެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.