Advertisement

ސިޔާސީ ޕާޓީތަކަށް ދޭ 27 މިލިއަން ރުފިޔާގެ ތެރެއިން 47 ޕަސެންޓު ޕީއެންސީއަށް

2 ސެޕްޓެންބަރު 2025 - 10:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ޖަމާކުރަން ބޭންކްތަކަށް ވަނީ ފޮނުވާފައި -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން


ސިޔާސީ ޕާޓީތަކަށް ދޭ 27 މިލިއަން ރުފިޔާގެ ތެރެއިން 47 ޕަސެންޓު ޕީއެންސީއަށް

2 ސެޕްޓެންބަރު 2025 - 10:34 0

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފަސް ޕާޓީއަށް ދޫކުރާ 27.9 މިލިއަން ރުފިޔާ ޖަމާކުރަން ބޭންކްތަކަށް މިއަދު ފޮނުވައިފި އެވެ.

އިލެކްޝަނުން ފައިސާ ޖަމާކުރަން ބޭންކްތަކަށް ފޮނުވީ މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ޕާޓީތަކަށެވެ. ޕާޓީތަކަށް ދޫކުރި ފައިސާގެ 47 ޕަސެންޓު ދިނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ. އެއީ 13.3 މިލިއަން ރުފިޔާ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސަންޓެވެ.

ޑިސެމްބަރު 31، 2024، ގެ ނިޔަލަަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް، އެ ޕާޓީއެއްގެ މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23ރ. ގެ މަގުން ފައިސާ ވަނީ ދޫކޮށްފަ އެވެ.

އެންމެ ގިނަ ފައިސާ ލިބެނީ ޑިސެމްބަރުގެ ނިޔަލަށް 68،968 މެންބަރުން ތިބި ކަމަށް ބުނާ ޕީއެންސީއަށެވެ. ޑިސެމްބަރުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ. ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ 13،826 މެންބަރުން ތިބި ޖުމްހޫރީ ޕާޓީއަށެވެ. އަދި އެމްޑީއޭގައި އެ މުއްދަތުގައި 9،210 މެންބަރުން ތިބިއިރު، އެމްޑީއޭގައި ތިބީ އެ މުއްދަތަށް 9،049 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލް:

  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 13.31 މިލިއަން ރުފިޔާ
  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8.45 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2.65 މިލިއަން ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1.76 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ (އޭޕީ) - 1.71 މިލިއަން ރުފިޔާ

ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމު ފުރައިގެން ވެއްދި އެތައް ހާސް މީހުން ވެސް ހިމަނައިގެން އެ ޕާޓީއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން އިލެކްޝަނުން ނިންމުމުން އެކަމަށް ގިނަ ބަޔަކު އޭރު ފާޑުކިޔާފައިވެ އެވެ.

ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އިއުލާނު ކުރިއިރު، ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މެންބަރުންތަކެއް ވެއްދި މައްސަލަ މި އަހަރުގެ ޖެނުއަރީ މަހު އީސީން ތަހުގީގު ވެސް ކުރަން ފެށި އެވެ.

ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އީސީން ނިންމާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕާޓީއަށް މީހުން ވެއްދި ކަމަށް ޕީއެންސީން ވެސް ވަނީ އިއުތިރާފުވެފަ އެވެ. އަދި ގާނޫނާ ހިލާފަށް ޕީއެންސީގެ މެންބަރު ފޯމުތައް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ފުރި ކަމަށް ހޯމް މިނިސްޓަރު ވެސް ވަނީ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.

ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދި މައްސަލަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ފުލުހަށް ވެސް ހުށަހެޅި އެވެ. އަދި އެ މުއައްސަަސާއިން އެ މައްސަލަ ތަހުގީގު ވެސް ކުރަން ފެށި އެވެ. ނަމަވެސް އެ ތަހުގީގު ތަފުސީލެއް ފަހުން ފުުލުހުން އާންމެއް ނުކުރެ އެވެ.