2 ސެޕްޓެންބަރު 2025 - 07:46 0
2 ސެޕްޓެންބަރު 2025 - 07:46 0
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 2) - މިހާރު ކުރިއަށްދާ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ނޮވަކް ޖޮކޮވިޗް އާއި ޖަނިކް ސިނާ އަދި ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ މި ތިން ކުޅުންތެރިން ވެސް މިހާތަނަށް އައިއިރު މުބާރާތުގައި ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
އެ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން، ސިނާ، ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ބުރުގައި، ކަޒަކްސްތާންގެ އަލެކްސަންޑާ ބުބްލިކް އަތުން 6-1، 6-1 އަދި 6-1 އިންނެވެ. ދުނިޔޭގެ އެއް ވަނަ ސިނާ މި މެޗުން މޮޅުވީ 1 ގަޑިއިރާއި 21 މިނިޓް ތެރޭގަ އެވެ. މިއީ މި އަަހަރު ތެރޭ، ގްރޭންޑް ސްލޭމެއްގައި ދެ ވަނަ އަށް އެންމެ އަވަހަށް ނިމިގެންދިޔަ މެޗެވެ. ކުއާޓާގައި ސިނާ ކުޅޭނީ އިޓަލީގެ ލޮރެންޒޯ މުސެއްޓީއާ ދެކޮޅަށެވެ.
ސިނާ، މަސައްކަތް ކުރަމުން އަންނަނީ، ކެރިއަރުގައި ފަސް ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދުމަށެވެ.
އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދުމުގެ ރެކޯޑް އޮތް ނޮވަކް ޖޮކޮވިޗް، 38، ވަނީ ގަދަ 16 ބުރުގައި، ކޮލިފައިން ބުރުން އައި ޖަރުމަނުގެ ޖެން-ލެނާޑް ސްޓްރަފް އަތުން 6-3 6-3 6-2 އިން މޮޅުވެފަ އެވެ.
އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތް، ޖޮކޮވިޗް ވަނީ ހަތަރު ފަހަރު ޔޫއެސް އޯޕަން ތަށި ހޯދައިފަ އެވެ. އެއީ، 2011، 2015، 2018 އަދި 2023 އެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި، ޖޮކޮވިޗް ކުޅޭނީ، އެމެރިކާގެ ޓޭލާ ފްރިޓްޒްއާ އެވެ.
އަލްކަރާޒް ވަނީ އެންމެ ފަހުން ކުޅުނު 19 ގްރޭންޑް ސްލޭމްގެ ތެރެއިން 13 މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ޔޫއެސް އޯޕަން ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ފްރާންސްގެ އާތޫރް ރިންޑާކްނެކް އަތުން ގަދަ 16 ބުރުގައި، 7-6 (7-3) 6-3 6-4 އިން މޮޅުވެގެންނެވެ. އަދި، ކުއާޓާ ފައިނަލުގައި އަލްކަރާޒް ކުޅޭނީ، ޗެކް ރިޕަބްލިކްގެ ޖިރީ ލެހެކާއާ އެވެ.
ކުއާޓާ ފައިނަލް މެޗުތައް އޮތީ މިއަދާއި މާދަމާ އެެވެ.
Comment