Advertisement

ޑްރެޕާ ފުރަތަމަ ފަހަރަށް ޖޮކޮވިޗް ބަލިކޮށްފި

about 2 hours 0


ޑްރެޕާ ފުރަތަމަ ފަހަރަށް ޖޮކޮވިޗް ބަލިކޮށްފި

about 2 hours 0

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 12) - މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުގައި އިނގިރޭސި އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ޖޭކް ޑްރެޕާ ކުޅުނު މެޗުން ސާބިއާގެ ތަރި ނޮވަކް ޖޮކޮވިޗް އަތުން މޮޅުވެއްޖެ އެވެ.

ދެ ގަޑިއިރާއި 35 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުން، ޖޮކޮވިޗް އަތުން ޑްރެޕާ މޮޅުވިއިރު، މިއީ، އޭނާގެ ކެރިއަރުގައި ހާއްސަ ކާމިޔާބެކެވެ. މީގެ ކުރިން، މި ދެ ކުޅުންތެރިން ބައްދަލުކުރި ހުރިހާ މެޗަކުން މޮޅުވެފައިވަނީ ޖޮކޮވިޗް އެވެ. މިއީ، ޑްރެޕާ އަށް، 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް އަތުން ލިބުނު ފުރަތަމަ މޮޅެވެ.

ސަޕޯޓަރުންގެ ފަރާތުން ވެސް ފޯރިގަދަކޮށް ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 4-6 6-4 7-6 (7-5) އިންނެވެ.

އަތަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވުމަށްޓަކައި، ފާއިތުވި އަށް މަސް ތެރޭ، އޮޕަރޭޝަންތަކެއް ކޮށް، ގިނަ ގޮންޖެހުންތަކާ ކުރިމަތިލި ޑްރެޕާ ބުނީ، ޖޮކޮވިޗް އަތުން ލިބުނު މޮޅަކީ ކުރިއަށްދާން ބޮޑު ހިތްވަރަކަށްވާނެ ކަމަށެވެ.

"އަހަންނަށް މި ލިބުނީ ވަރަށް ހާއްސަ ކާމިޔާބެއް. އަހަރެން ވަރަށް ކުޑައިރުއްސުރެން ޖޮކޮވިޗްގެ މެޗުތައް ބަލަން. ޖޮކޮވިޗަކީ އަހަރެންގެ އައިޑޮލްއޭ ވެސް ބުނެވިދާނެ. ވަރަށް ބޮޑު އިހުތިރާމެއް އަބަދުވެސް ޖޮކޮވިޗަށް އޮންނާނެ،" ދުނިޔޭގެ ރޭންކިންގެ 14 ވަނައިގައި މި ވަގުތު އޮތް ޑްރެޕާ ބުންޏެވެ.

ޑްރެޕާ، ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ޖޮކޮވިޗާ ކުޅުނީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގަ އެވެ. މިއީ މީގެ ކުރިން މި ދެ ކުޅުންތެރިން ކުރިމަތިލި ހަމައެކަނި މެޗެވެ.

ކުއާޓާ ފައިނަލުގައި ޑްރެޕާ ކުޅެން ޖެހޭނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާ އެވެ.