ދޯހާ، ގަތަރު (ފެބްރުއަރީ 23) - ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ، ސްޕެއިނުގެ ކާލޯސް އަލްކަރާޒް ދާދި ފަހުން ނިމުނު ގަތަރު އޯޕަންގައި ވެސް ތަފާތު ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
މި ފަހަރުގެ ޓެނިސް ސީޒަން ފަށަން ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި އަލްކަރާޒް ގަތަރު އޯޕަން ފައިނަލް މެޗު ކާމިޔާބުކުރީ 50 މިނިޓްގެ ކުޅުމަށް ފަހު އެވެ. ފްރާންސްގެ އާތޫރު ފިލްސް އަތުން އަލްކަރާޒް މޮޅުވީ 6-2، 6-1 އިންނެވެ.
ގަތަރު އޯޕަންގެ ފައިނަލް މެޗަކީ، އުމުރުން 22 އަހަރުގެ އަލްކަރާޒްގެ ކެރިއަރުގައި މިހާތަނަށް އެންމެ ކުރު މުއްދަތުގެ ތެރޭގައި އޭނާ ކާމިޔާބުކުރި މެޗެވެ.
ގަތަރު އޯޕަންގައި މިދިޔަ އަަހަރު ވެސް އަލްކަރާޒް ވާދަކުރި އެވެ. އެ ފަހަރު އޭނާ ކެޓީ ކުއާޓާ ފައިނަލުންނެވެ. އަލްކަރާޒް ބުނީ، އޮސްޓްރޭލިއަން އޯޕަންގެ ކާމިޔާބީއާ އެކު، ގަތަރަށް އައީ ތަށި ހޯދުމުގެ އަމާޒުގައި ކަމަށެވެ.
ދުނިޔޭގެ ރޭންކިން 40 ވަނައިގައި އޮތް ފިލްސް ބުނީ، މިދިޔަ އަހަރު އަނިޔާއަކާ ހެދި އަށް ވަރަކަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައި، މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ ފައިނަލެއްގައި ކުޅެވުމަކީ ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ގަތަރު އޯޕަން އަކީ އަލްކަރާޒްގެ ކެރިއަރުގައި ލިބުނު 26 ވަނަ ތަށްޓެވެ.
Comment