1 ސެޕްޓެންބަރު 2025 - 15:12 0
ސާއިފް ޝިޔާދު
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން
1 ސެޕްޓެންބަރު 2025 - 15:12 0
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ ނޫސްވެރިންނަށް ލިބިފައިވާ އިންޒާރުތައް ފުލުހުންނަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެން ލާޒިމުކޮށް ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ ބިލު ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ބަލައިގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. ކޮމިޓީން ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން އެދުނީ ބިލު ބޭރުކޮށްލުމަށެވެ. ބައެއް ނޫސްވެރިން ވަނީ މި ބިލާ ދެކޮޅަށް އަޑުއުފުލާތީ އިންޒާރުތައް ލިބެމުން އަންނަކަން ވެސް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
އެ މައްސަލަތައް ކޮމިޓީން އިސްނަގައިގެން ފުލުހަށް ފޮނުވަން ހުށަހެޅި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. ތާއިދު ކުރެއްވީ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުން ފާސްކުރީ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ބައެއް ނޫސްވެރިންނަށް ފާރަލައި ސޯޝަލް މީޑިއާގައިފޮޓޯ ޖަހައިގެން އިންޒާރު ދިން މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. ނޫސްވެރިންގެ ޒިންމާ އަދާކުރުމުން އެކްޓިވިސްޓުންގެ ގޮތުގައި ލޭބަލްކޮށް އަގުވައްޓާލުމަށް ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ދީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.
އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment