31 އޮގަސްޓު 2025 - 23:02 0
31 އޮގަސްޓު 2025 - 23:02 0
ލިވަޕޫލް (އޮގަސްޓް 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން ފަހަތުން އަރައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވިއިރު، ލިވަޕޫލުން 1-0 އިން އާސެނަލް ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ފުރަތަމަ މެޗުން ވުލްވްސް އަތުން ބޮޑު ތަފާތަކުން ސިޓީ މޮޅުވި ނަމަވެސް، ދެ ވަނަ މެޗުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ. އަދި، އާލިން ބްރައުޓް ހާލަންޑްގެ ގޯލުން ބްރައިޓަން ދަނޑުގައި ސިޓީން ލީޑުނެގި ނަމަވެސް ދެ ވަނަ ހާފުގައި ބްރައިޓަން އިން ވަނީ ޖޭމްސް މިލްނާގެ ޕެނަލްޓީ އާއި ބްރަޖަން ގްރޫޑާ ޖެހި ގޯލާ އެކު މޮޅުވެފައެވެ.
ހާލަންޑް، ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗުގައި 88 ވަނަ ގޯލު ޖެހި ނަމަވެސް ޖުމްލަކޮށް މި މެޗުގައި ސިޓީގެ އެޓޭކް ފެނުނީ ދަށްކޮށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން އާސެނަލާ ދެކޮޅަށް ރަނގަޅަށް ކުޅުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި އާސެނަލް ގޯލާ އަމާޒުކޮށް ލިވަޕޫލަށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އާސެނަލްގެ ނޯނީ މަޑުއޭކޭ ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލުން އަނިޔާގެ ސަބަބުން ބުކާޔޯ ސަކާ ނުލައި ކުޅުނުއިރު، އަނިޔާއާ ހެދި މި މެޗުގައި މާޓިން އޮޑެގާޑް ވެސް ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ. ލިވަޕޫލަށް މި މެޗުގެ ތިން ޕޮއިންޓް ހޯދައިދިން ގޯލު ޖެހީ، 83 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޯސްލާއި އެވެ. ކަނާތު ބެކަށް މިދިޔަ ދެ މެޗުގައި ވެސް ކުޅުނު ސޮބޯސްލާއި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި ހަފްތާގެ މެޗުތަކަށް ފަހު، އިންޓަނޭޝަނަލް ބްރޭކް އަންނައިރު، އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީގެ ތިން މެޗުން އޮތީ ހަތް ޕޮއިންޓެވެ.
ލިވަޕޫލުން ހަތް މެޗަށް ފަހު، އާސެނަލް ލީގުގައި ބަލިކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އާސެނަލުން ރަށުންބޭރުގައި މި ވަނީ ފުރަތަމަ ފަހަރަށް ލީގު މެޗަކުން ބަލިވެފަ އެވެ.
Comment