Advertisement

ހާލަތު ބަދަލުކުރަން ޗެލްސީ އާއި ލިވަޕޫލަށް މުހިންމު މޮޅެއް

about 2 hours 0


ހާލަތު ބަދަލުކުރަން ޗެލްސީ އާއި ލިވަޕޫލަށް މުހިންމު މޮޅެއް

about 2 hours 0

ލިވަޕޫލް (ޑިސެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވުނު ލިވަޕޫލާއި ޗެލްސީން އެ ޓީމުތަކުގެ ހާލަތު ބަދަލުކުރަން މުހިންމު މޮޅެއް ހޯދައިފި އެވެ.

ލިވަޕޫލުން ބްރައިޓަން އަތުން 2-0 އިން މޮޅުވިއިރު، މިއީ، އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި، ޗެލްސީން އެވަޓަންގެ މައްޗަށް 2-0 އިން ކުރިހޯދިއިރު، މިއީ ލީގުގައި އެންމެ ފަހުން އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާތަކާ އެކު، ޗެލްސީން ހަަތަރެއްގައި އޮތީ 16 މެޗުން 28 ޕޮއިންޓާ އެކު އެވެ. އަދި، ލިވަޕޫލުން ހަ ވަނައިގައި އޮތީ 16 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 46 ސިކުންތު ތެރޭގައި އެ ޓީމުން ލީޑުނެގީ ހޫގޯ އެކިޓީކޭ ޖެހި ގޯލުންނެވެ. މިއީ، މި ފަަހަރުގެ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ލިވަޕޫލްގެ ޖޯ ގޯމޭޒަށް އަނިޔާވެ، ބަދަލުގައި މުހައްމަދު ސަލާހު ކުޅެން ނުކުތްއިރު، މިއީ، ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓަށް އިންޓަވިއުއެއްގައި ފާޑުކިއުުމުން ޓީމުން ބާކީކޮށްފައި ހުރި ފަހުން އެނބުރި އައިސް ސަލާހު ކުޅުނު ފުރަތަމަ މެޗެވެ.

މިިދިޔަ ހަފްތާގައި ލީޑްސް ޔުނައިޓެޑާއި ލިވަޕޫލުން އެއްވަރުވި މެޗުގައި ކުޅުމުގެ ފުރުސަތު ނުދޭތީ ސަލާހު ވަނީ ލިވަޕޫލްގެ ކޯޗު ސްލޮޓަށް ފާޑުކިޔައިފައި: އެއާ އެކު، އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން އިންޓަ މިލާނާ ކުޅުނު މެޗުގެ ސްކޮޑުން ސަލާހު އުނިކުރި.


ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް މޮޅުވި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެ ވަަނަ ހާފުގައި ސަލާހު ނަގައިދިން ކޯނަރަކުން އެކިޓީކޭ އެެވެ. އެކިޓީކޭ މި ވަނީ ޖެހިޖެހިގެން ދެ ހަފްތާގައި، މެޗެއްގައި ދެ ލަނޑު ޖަހައިފަ އެެވެ.

އަނެއްކޮޅުން، މި ގޯލާ އެކު، ސަލާހު ވެފައިވަނީ، ޕްރިމިއާ ލީގުގައި އެއް ޓީމެއްގައި ހުރެ އެންމެ ގިނަ ގޯލުގައި ބައިވެރިވުން އޮތް ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 276 ގޯލުގެ ބައިވެރިވުމާ އެކު، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި، ވޭން ރޫނީ އަތުގަ އެވެ. ސަލާހު އެ ރެކޯޑް މުގުރާލީ 277 ގޯލުގައި ބައިވެރިވެގެންނެވެ. މި މެޗަށް ފަހު، ސަލާހު، ލިވަޕޫލްގެ ސްކޮޑު ދޫކޮށް، މި މަހު މޮރޮކޯގައި ފަށާ އެފްރިކަން ކަޕްގައި ކުޅޭ މިސްރު ޓީމާ ގުޅޭނެ އެވެ.

ޗެލްސީގެ ޕާމާ (ކ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ޕެޑްރޯ ނެޓޯ އާއި ޖޮއާއޯ ޕެޑްރޯއާ އެކު އުފާފާޅުކުރަނީ.


ޗެލްސީން ލީޑުނެގީ، 21 ވަނަ މިނިޓްގައި ކޯލް ޕާމާ ޖެހި ގޯލުންނެވެ. މަލޯ ގުސްޓޯ ދިން ބޯޅައަކުން ޕާމާ ޖެހި މި ގޯލަކީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެ ފަހަރު އޭނާ ލަނޑު ޖެހީ، ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށެވެ.

މެޗުގައި ޗެލްސީން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ، 45 ވަނަ މިނިޓްގައި ގުސްޓޯ އެވެ، މިއީ، އަރިމަތިން ބޯޅަ ހިފައިގެން ވަދެ، ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ގުސްޓޯ ޖެހި ގޯލެކެވެ. ޗެލްސީގެ އަލެހަންދްރޯ ގަނާޗޯ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނެވެ.

މެޗުގައި އެވަޓަން އަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ އިލިމަން އެންޑިއާއޭ އެވެ. އޭނާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.