about 5 hours 0
about 5 hours 0
ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލީގު ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން އިތުރު ވަގުތުގެ ތެރޭގައި ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލުން 2-1 އިން މޮޅުވެއްޖެ އެެވެ.
އުނދަގުލުން ހޯދި މި މޮޅާ އެކު، އާސެނަލުން އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. އާސެނަަލަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 15 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. ސިޓީން މިރޭ ކުޅޭނީ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ވުލްވްސްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފަހަތަށް ޖެހިގެން ޑިފެންސްކޮށްގެން ކުޅެމުން ދިޔަ އެވެ. އާސެނަލަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ގަބްރިއެލް މާޓިނެލީ އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއްނުކުރެވުނެވެ. އަދި، ކައުންޓަ އެޓޭކުގައި ވުލްވްސް އިން ވެސް ލަނޑު ޖަހާނެ ފުރުސަތެއް ހޯދި އެވެ. އެ ގޮތުން، އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ދިޔަ، ވުލްވްސްގެ ދެކުނު ކޮރެއާގެ ފޯވާޑް، ހްވާން ހީ ޗާން، އާސެނަލްގެ އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އެވެ.
މެޗުގައި އާސެނަލުން ލީޑުނެގީ، 70 ވަނަ މިނިޓްގައި ވުލްވްސްގެ ކީޕަރު ސޭމް ޖޯންސްޓޯން އަތުން ބައިކޮޅަށް ވަން ގޯލުންނެެވެ. މިއީ، އާސެނަލްގެ ބުކާޔޯ ސަކާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ޖޯންސްޓޯން އަތުން ހެދުނު ގޯހެކެެވެ.
މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ވުލްވްސް އިން ފުލުގައި އޮތީ ދެ މެޗުން އެއްވަރުކޮށްގެން ދެ ޕޮއިންޓާ އެކު އެވެ. އެ ޓީމުން ވަނީ އާސެނަލް ކޮޅަށް މެޗުގެ ފަހު މިިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެެވެ. އެ ގޮތުން، މެޗުގެ 90 ވަނަ މިނިޓްގައި، ވުލްވްސްގެ ޓޯލޫ އަރޯކޯޑާރޭ ވަނީ ބޮލުން ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ.
އާސެނަލް މޮޅުވީ ވުލްވްސްގެ ޔާސޮން މޮސްކޭރާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ސަކާ ނެގި ހުރަހެއްގައި ގަބްރިއެލް ޖީސޫސް ހުއްޓުވަން އުޅުމުގެ ތެރޭގައި މޮސްކޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
Comment