31 އޮގަސްޓު 2025 - 05:42 0
31 އޮގަސްޓު 2025 - 05:42 0
ޕެރިސް (އޮގަސްޓް 31) - ފްރެންޗް ލީގުގައި ރޭ ޕޯޗުގީސް ތަރި ޖޮއާއޯ ނެވޭސް ޖެހި އޯވަހެޑް ކިކް ދެ ގޯލާ އެކު، ޕީއެސްޖީން 6-3 އިން ޓުލޫސްގެ މައްޗަށް ކުރިހޯދައިފި އެވެ.
ޖޮއާއޯ ނެވޭސްގެ ފަރާތުން ސީނިއާ ކްލަބް ކެރިއަރުގައި ފުރަތަަމަ ފަހަރަށް ހެޓްރިކެއް ފެނިގެންދިޔަ މި މެޗުގައި، އޭނާ އޯވަހެޑް ކިކުން ޖެހި ދެ ގޯލަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
ރަށުންބޭރުގައި ކުުޅުނު ޕީއެސްޖީން ނުވަ މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގިއިރު، ޖޮއާއޯ ނެވޭސް ފުރަަތަމަ ގޯލު ޖެހީ ވެސް އޯވަހެޑް ކިކުންނެވެ. އަދި، ދެ ވަނަ ލަނޑަކީ ބްރެޑްލީ ބާކޮލާ ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން، އަނެއްކާ ވެސް އޯވަހެޑް ކިކަކުން ގޯލު ޖަހައި، ޖޮއާއޯ ނެވޭސް، ޕީއެސްޖީ އަށް ތިން ގޯލުގެ ލީޑެއް ހޯދައިދިނެވެ. އަދި، ޑެޒެއާ ޑޫއޭ އަށް ކުރި ފައުލަކަށް ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އޮސްމާން ޑެމްބެލޭ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަމިއްލަ ދަނޑުގައި ކުޅުނު ޓުލޫސް އަށް މެޗުގައި އުންމީދެއް ހޯދައިދިނީ އިނގިރޭސި ޒުވާން ޑިފެންޑަރު، ޗާލީ ކްރެސްވެލް ޖެހި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ޑެމްބެލޭ ވަނީ އިތުރު ޕެނަލްޓީއެއް ޖަހައި، ޕީއެސްޖީގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި، އޭގެ ފަހުން، ޖޮއާއޯ ނެވޭސް ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނުގައި ބޯޅަ ތަތްކޮށްލައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޕީއެސްޖީގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފަހު ވަގުތު ޓުލޫސް އިން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ޔަން ޖިބޯހޯ އާއި އަލެކްސިސް ވޯސާ އެވެ.
Comment