ޕެރިސް (ފެބްރުއަރީ 9) - ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން 5-0 އިން އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ، މާސޭ ބަލިކޮށް، އެ ޓީމަށް ފެންވަރު ދައްކާލައިފި އެވެ.
މިއީ ލީގުގެ އެއް ވަނަ މަގާމު ދެމެހެއްޓުމަށް ވެސް ޕީއެސްޖީ އަށް މުހިންމު މޮޅެކެވެ. އެ ޓީމުން މި ވަގުތު ފްރެންޗް ލީގުގެ ކުރިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް 21 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލޯންސް އަށް 21 މެޗުން 49 ޕޮއިންޓް، ތިން ވަނައިގައި އޮތް ލިޔޯނަށް 21 މެޗުން 42 ޕޮއިންޓް އަދި ހަތަރެއްގައި އޮތް މާސޭ އަށް 21 މެޗުން 39 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ލެ ކްލާސިކްގެ ނަމުން މަޝްހޫރުވެފައި އޮތް ޕީއެސްޖީ އާއި މާސޭގެ ކުރިމަތިލުން ރޭ ފެނުނީ ވަރަށް ބޮޑަށް ޕީއެސްޖީ ކޮޅަށް ބުރަވެފައި އޮތްތަނެވެ. ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، ދެ ވަަނަ ހާފުގައި ޕީއެސްޖީން ތިން ގޯލު ޖެހި އެވެ.
ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ދެ ލަނޑު ޖަހައިދިން، އެންމެ ފަހުގެ ބެލޮންޑިއޯ އަދި ފީފާ ބެސްޓް، އޮސްމާން ޑެމްބެލޭ ވަނީ ދެ ވަނަ ހާފުގައި ކްވިޗާ ކްވަރަޝްކޭލިއާގެ ލަނޑަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޕީއެސްޖީގެ އަނެއް ލަނޑު ޖެހީ ލީ ކަންގް އިން އެވެ. އަދި މާސޭގެ މެޑީނާ އަތުން ވަނީ ބައިކޮޅަށް ވެސް ގޯލެއް ވަދެފަ އެވެ.
Comment