30 އޮގަސްޓު 2025 - 21:05 0
30 އޮގަސްޓު 2025 - 21:05 0
ލަންޑަން (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ނިންމުންތަކުގެ އެހީގައި ޗެލްސީން 2-0 އިން ފުލަމް ބަލިކުރިއިރު، ޕްރެޝަރުގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން ބާންލީ އަތުން މޮޅުވެ ހަމަނޭވައެއްލައިފި އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ 21 ވަނަ މިނިޓްގައި، ޖޯޝް ކިންގް ވަނީ ފުލަމް އަށް ގޯލެއް ޖަަހައި، ލީޑުނަގައިދީފަ އެވެ. އެކަމަކު، މި އެޓޭކް ފެށިއިރު، ފުލަމްގެ ރޮޑްރީގޯ މުނީޒްގެ ފައިން ޗެލްސީގެ ޑިފެންޑަރު، ޓްރެވާ ޗަލޯބާގެ ފައި މައްޗަށް އެރިފައިވާ ކަމަށް ވީއޭއާރް އިން ނިންމުމުން އެ ގޯލު ބަލައިނުގަތީ އެވެ. ފުލަމް އިން މި ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި، ޗެލްސީން ލީޑުނެގީ، އެންޒޯ ފެނާންޑޭޒް ނެގި ކޯނަރަކުން ޖޮއާއޯ ޕެޑްރޯ ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 11 މިނިޓް ތެރޭގައި ޗެލްސީން ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން އެންޒޯ އެވެ. މިއީ، ވެސް ވީއޭއާރްގެ ނިންމުމަކުން ދިން ޕެނަލްޓީ އެކެވެ.
އެ ގޮތުން، ފުލަމްގެ ރަޔާން ސެސެންޔޯން އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް އިން ޗެލްސީ އަށް ޕެނަލްޓީއެއް ދޭން ނިންމިއިރު، ފުލަމް އިން އެޕީލްކޮށްފައިވަނީ އެއީ ހޭންޑްބޯލް އެއް ނޫން ކަމަށާއި އެކަން ހިނގުމުގެ ކުރިން، އެ ޓީމުގެ އަލެކްސް އިވޯބީ އަށް ފައުލެއް ވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު، ސެސެންޔޯން އަތުގައި ޖެހުނު ކަމަށް ބަލައި، ޕެނަލްޓީ ދޭން ނިންމީ އެވެ.
ޗެލްސީގެ އެންޒޯ އާއި ޖޮއާއޯ ޕެޑްރޯ އުފާފާޅުކުރަނީ.
މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ތިން މެޗުން މޮޅެއް ލިބިފައިނުވެ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ފުލަމްއާ ރަށުންބޭރުގައި އެއްވަރުވެފަ އެވެ. އަދި އޭގެ ފަހުން ލީގު ކަޕް އިން ކެޓީ ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އަތުން ބަލިވެގެންނެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. މި ލަނޑަކީ މެޗުގެ 27 ވަނަ މިނިޓްގައި ބާންލީގެ ޖޯޝް ކުލެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ރަނގަޅަށް ކުޅެ، ބާންލީން ވަނީ 55 ވަނަ މިނިޓްގައި އޭރިއާތެރެއިން ލައިލް ފޮސްޓާ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، ޑިއޯގޯ ޑަލޯ ދިން ބޯޅައަކުން ބްރަޔާން އެމްބުއޭމޯ ވަނީ ގޯލު ޖަހައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދީފަ އެވެ.
ބާންލީން ހިތްވަރު އެލުވައިނުލައި ކުޅެ، މެޗުގެ 68 ވަނަ މިނިޓްގައި ގޯލެއް ޖަހައި، އެއްވަރުކުރި އެވެ. ދިގު އެއްލުމަކުން ކުރި އެޓޭކެއްގައި ރީބައުންސަކުން ލިބުނު ފުރުސަތަކުން ބާންލީގެ މި ގޯލު ޖެހީ ޖޭޑަން އެންތަނީ އެވެ.
ބަދަލަކަށް ކުޅެން އަރައި، ޔުނައިޓެޑުން އަގުބޮޑުކޮށް ގަތް ފޯވާޑް، ބެންޖަމިން ސެސްކޯ ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއްނުވި އެވެ. ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މިދިޔަ ހަފްތާގައި ފުލަމްއާ ދެކޮޅަށް ފެނާންޑޭސް އަތުން ޕެނަލްޓީ ބޭކާރުވި ނަމަވެސް މި މެޗުގައި ކާމިޔާބުކުރި އެވެ. މި ޕެނަލްޓީ ދިނީ، ޔުނައިޓެޑްގެ އަމަދު ޑިއާލޯ ޖޯޒީގައި ޖޭޑަން އެންތަނީ ހިފެހެއްޓުމުން ވީއޭއާރް އިން ބަލައިފަ އެވެ.
ލީގުގައި މިރޭ ބޯންމައުތުން ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި 1-0 އިން މޮޅުވިއިރު، ވުލްވްސް އަތުން އެވަޓަން ވަނީ 3-2 އިން ކުރިހޯދައިފަ އެވެ. އަދި، ސަންޑަލެންޑުން ވަނީ ފަހަތުން އަރައި 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.
Comment