Advertisement

އެންމެފަހުން ކުރި ތިން ދަތުރުގެ ހަރަދު ހާމަނުކޮށް މުއިއްޒު ޗައިނާއަށް

30 އޮގަސްޓު 2025 - 00:06 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެންމެފަހުން ކުރި ތިން ދަތުރުގެ ހަރަދު ހާމަނުކޮށް މުއިއްޒު ޗައިނާއަށް

30 އޮގަސްޓު 2025 - 00:06 1

ރައީސް މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދު ހާމަ ކުރުން ސަރުކާރުން ހުއްޓާލާފައި ވަނިކޮށް މިރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރަން ފެށީ މުއިއްޒުގެ އިސްނެންގެވުމަށެވެ. ދަތުރުތަކުގެ ހަރަދު އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޑިސެމްބަރު 2، 2023 ގަ އެވެ.

އެ ނިންމުމުގެ ދަށުން ރައީސް އޮފީހުން އެންމެ ފަހުން ހާމަކުރީ އޭޕްރީލް މަހު އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ހަރަދެވެ. އޭގެ ފަހުން މުއިއްޒު ވަނީ އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފަ އެވެ. ނަމަވެސް އެ ދަތުރުތަކުގެ ހަރަދު ތަފްސީލެއް ނޭނގެ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެ ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދަތުރުތަކުގެ ހަރަދު ހާމަކުރުން ހުއްޓާލި ސަބަބު ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަން ސާފުކުރުމަށް ރައީސް އޮފީހާ ސުވާލުކުރުމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ހަރަދުތައް ހާމަކުރުން ނުހުއްޓޭނެ ކަމަށާއި ޑިލޭތަކެއް އައިސްދާނެ ކަމަށެވެ. އެކަން އިތުރަށް ބައްލަވާނެ ކަމަށް ވެސް އޮގަސްޓު 18، ގައި ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި އޮތީ ދަތުރު ނިމޭތަ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ދަތުރަށް ހިނގި ހަރަދުގެ ތަފުސީލު ހާމަ ކުރައްވާނެ ކަމަށެވެ.

މިއީ މި އަހަރު ތެރޭ މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ހަވަނަ ދަތުރެވެ. މީގެ ކުރިން އިނގިރޭސިވިލާތަށް ދެ ދަތުރު، ސިންގަޕޫރު، މެލޭޝިއާ، އަދި އެސްޓޯނިއާއަށް ދަތުރު ކުރެއްވި އެވެ.