Advertisement

ހައްދެއް ބަދަލުކޮށް އުލުބައިންދަން ވަކާލާތުކުރުން

29 އޮގަސްޓު 2025 - 11:26 1

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ހައްދެއް ބަދަލުކޮށް އުލުބައިންދަން ވަކާލާތުކުރުން

29 އޮގަސްޓު 2025 - 11:26 1

އުލުބޭންދުމަކީ ކޮބާތޯއެވެ؟ އުލުބޭންދުމަކީ، އިހުޒަމާނުގައި މަރުގެ އަދަބު ތަންފީޒުކުރަން ގެންގުޅުނު އެއް ގޮތެވެ. މިކަންކުރާ ގޮތަކީ ކޮޅުތޫނުކުރި ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަ ގޮތަށެވެ. މިގޮތަށް މަރުގެ އަދަބު ތަންފީޒުކުރާއިރު، މީހާ މަރުވެގެންދާނީ ކުދި އަނިޔާގައި ފިސާރި ވޭނާއި ކެކުޅުމުގައެވެ.

މާތްވެގެންވާ އިސްލާމްދީނުގައި އޮތް އެއްވެސް ކުށަކަށް މިއަދަބު ކަނޑައެޅިފައި ނުވެއެވެ. އަދި ޤިޞާޞް ހިފުމުގެ ގޮތުން މީހަކު މެރުމުގައި ވެސް، އުލުބޭންދުން ހުއްދަކަމަށް އެއްވެސް އިލްމުވެރިއަކު ވިދާޅުވެފައިނުވެއެވެ. އިސްލާމީ ތާރީހަށް ބަލާއިރު، އެއްވެސް ކުށެއްގެ އަދަބުގެ ގޮތުގައި އުލުބޭންދިކަން މާތް ނަބިއްޔާގެ ސުންނަތާއި ސަލަފުއްޞާލިޙުންގެ އަރިހުން ވެސް ވާރިދުގެވެގެން އައިސްފައިނުވެއެވެ.

ކިއެއްތަ! އިސްލާމްދީން ބާރުއަޅަނީ މަރަށް މަރުހިފާ ހާލަތެއްގައިވެސް ވީހާ ވޭން ކުޑަކޮށް އެކަމެއް ތަންފީޒުކުރުމަށެވެ. ހަނގުރާމައެއްގައިވެސް މުޝްރިކުންގެ ގުނަވަންތައް ކަނޑައި ކުދި އަނިޔާދީ މިބާވަތުގެ ކަންކަމަކީ ކޮށްގެން ނުވާނެ ކަންކަންކަމުގައި ކަނޑައެޅިގެންދިޔަދިއުން އެއީ އިސްލާމްދީން އެހެން އެންމެހާ މަންހަޖަކާއި ގޮތަކަށްވުރެ މާތްވެފައި މޮޅު އިތުރުވީ ސަބަބުވެސްމެއެވެ.

މިދިޔަ ހަފުތާގައި އަޅުގަނޑު ވަރަށް ސިއްސުވާލި ހައިރާންކަންބޮޑު އަދި އިންތިހާއަށް ބިރުގަތް ހަބަރަކީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގުރޫޕް ލީޑަރު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅެކެވެ. އެވާހަކަފުޅު އޮތް މައުލޫއަކީ ނޫސްވެރިކަން ހަނިކުރާ ބިލުގެ ބަހުސްގެ ތެރެއިން އޮތް ވާހަކަފުޅެއް ކަމަށްވާތީ، އެވާހަކަފުޅު ކުށްވެރި ކުރި ފަރާތްތަކުންވެސް ބޮޑަށް ފޯކަސް ކޮށްފައި ހުރި ތަން ފެންނަނީ ނޫސްވެރިންނަށް އުލުބޭންދުމުގެ އަދަބުދިނުމުގެ އިންޒާރު ކުށްވެރިކުރުމުގެ މޭރުމަކުންނެވެ.

ނަމަވެސް މިއީ ނޫސްވެރިކަން ހަނިކުރުމަށްވުރެ ބޮޑު ކަމެކެވެ. ނޫސްވެރިންނާ މެދު ފިޔަވަޅުއެޅުމަށްވުރެ އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި އެކި ބާވަތުގެ ޖޫރިމަނާތައް ތައާރަފުކުރުމަށްވުރެ ވެސް ކަންބޮޑުވުން އިތުރުވެގެންވާ ކަމެކެވެ. ބޮޑު ކުށެއް ކުރާ ނޫސްވެރިއަކު އުލުބައިންދަން ގޮވުމާއި، ޝަރުޢީ ހައްދު ކަނޑައެޅިފައި އޮތް ކުށެއްގައި ދީނުގައި އޮތް ހައްދު ފިޔަވައި، އުލުބޭންދުމުގެ އަދަބުދިނުމަށް ގޮވާލުމާއި މިއީ ދެކަމެކެވެ. އަދި އިންތިހާއަށް ނުރައްކާތެރި ކަމެކެވެ.

މީހަކާ މެދު އެމީހަކީ ޒިނޭކުރި ނުވަތަ ޒިނޭކުރާ މީހެއްކަމަށް ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަމަށް ތުހުމަތުކޮށްފިނަމަ، ޝަރުޢީގޮތުން އެކަމަށް ކިޔަނީ ގަޒުފުކުރުމެވެ. ގަޒުފުކުރާ މީހާ އޭނާ ތުހުމަތު ރައްދުކުރި ފަރާތާ ދެކޮޅަށް އެ ކުރި ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ، އެމީހެއްގެ ގައިގައި އޮތީ ގަޒުފުގެ ހައްދު ޖެހުމެވެ. އެއީ އަށްޑިހަ އެތިފަހަރުން ހައްދުޖެހުމެވެ. އެޔާއެކު އެމީހެއްގެ ހެކިބަސް ގަބޫލުނުކުރުމެވެ.

މީހަކު ގަޒުފުކުރަނީ ނުވަތަ މީހަކާ މެދު އެފަދަ ތުހުމަތެއް ކުރަނީ ނޫސް އެޖެންސީއެއް ވިޔަސް ނުވަތަ ނޫސްވެރިއެއް ވިޔަސް، އެކަން ކުރާ މީހާއަށް އެއީ ތެދެއްކަން ސާބިތުކޮށްނުދެވިއްޖެނަމަ، އެމީހެއްގެ އަދަބަކީ ގަޒުފުގެ ހައްދެވެ. އުލުބޭންދުމެއް ނޫނެވެ.

އިސްލާމީ ޝަރީއަތުގައި ކުށްކުށަށް ކަނޑައެޅިފައި ހުރި އަދަބު ހުރީ ދެބަޔަކަށެވެ. އެއްބަޔަކީ ޝަރީއަތުން ހައްދު ކަނޑައަޅާފައި ހުރި ކުށްތަކެވެ. އަނެއް ބަޔަކީ ތައުޒީރީ އަދަބެއް ދެވިދާނެ ކުށްތަކެވެ. އެހެން އިބާރާތަކުން ބައިކުރާނަމަ ހައްދު ކަނޑައެޅިފައިހުރި ކުށްތަކާއި ހައްދު ކަނޑައެޅިފައި ނެތް ކުށްތަކެވެ.

ހައްދު ކަނޑައެޅިފައި ނުވާ ކުށްތަކުގެ ބާބަކީ ފުޅާވެގެންވާ އަދި އެކަމަށް އަދަބު ކަނޑައެޅުމުގެ މަގު ތަނަވަސްކުރައްވާފައިވާ ބާބެކެވެ. އަދި އެއީ އެ މުޖުތަމައެއްގައި އެކަމެއް ހިނގާ ގޮތާއި މިންވަރާއި ބާވަތަށް ބަލައިގެން އެކަށީގެންވާ އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ޝަރުއީގޮތުން ވެރިންނަށް ދީފައިވާ ބާބެވެ. މިބާވަތުގެ އަދަބުތަކަށް ތައުޒީރީ އަދަބުތަކޭ ކިޔައެވެ. މިބާވަތުގެ ކަންކަމުގައި ފުޅާކޮށް ބަހުސްކުރަންވީއެވެ. މައްސަލައެއް ނެތެވެ.

ނަމަވެސް ހައްދު ކަނޑައެޅިފައިހުރި ކުށްތަކުގެ އަދަބުގެ ބާބަކީ ތައުޒީރީ އަދަބުގެ ބާބާ މުޅިން ތަފާތު ބާބެކެވެ. ހައްދު ކަނޑައެޅިފައިވާ ކުށެއްގެ އަދަބަކީ ޝަރީއަތުގައި ކަނޑައެޅިފައި އޮތް ހައްދެވެ. އެޙައްދު އެހެން ގޮތަކަށް ބަދަލުކޮށް އެހެން އަދަބެއް ދިނުން ހުއްދަވެގެން ނުވެއެވެ. އަދި އެހެން އަދަބެއް ކަނޑައެޅުމަށް ވަކާލާތުކުރުންވެސް ހުއްދަވެގެން ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރުމަކީ ޤަޛުފުކުރުމެވެ. އެކަން ކުރާ މީހާއަށް އޭނާގެ ތުހުމަތު ސާބިތުކޮށްނުދެވިއްޖެނަމަ އެއީ ނޫސްވެރިއެއްކަމަށްވިޔަސް އެމީހެއްގެ އަދަބަކީ ގަޒުފުގެ ހައްދެވެ. އުލުބޭންދުމެއް ނޫނެވެ. އަދި ގަޒުފުގެ ހައްދަކީ އަށްޑިހަ އެތިފަހަރުން ހައްދު ޖެހުންކަމަށްވާއިރު، އޭގެ ބަދަލުގައި އުލުބައިންދާ މެރުމުގެ އަދަބުދިނުމަކީ ޝަރީއަތް ބަދަލުކުރުމެވެ. އަދި އެގޮތަށް ވަކާލާތުކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އިސްލާމީ ގައުމެއް ނަމަ އެފަދަ ވާހަކަ ދައްކާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއެޅިގެންދާނެކަމާމެދު ޝައްކެތް ނެތެވެ.

އަޅުގަނޑުވެސް އެއްބަހެވެ. މީހަކު ޖަޒުބާތުގައި ވާހަކައެއް ދައްކަފާނެއެވެ. ނަމަވެސް ރަށްރަށުގެ ހޮޅުއަށިއަށީގައި މީހުން ވާހަކަދެއްކުމާއި، ޝަރުޢީ ހައްދެއްގެ ބަދަލުގައި އުލުބައިންދަން މީހަކު ވަކާލާތުކުރުމާ މިއީ ވަރަށް ތަފާތު ދެކަންތަކެވެ. އަމުދުން އެބާވަތުގެ ކަމެއް ހިނގަނީ އިސްލާމީ ދައުލަތެއްގެ ގާނޫނު ހަދާ މަޖިލީސް ތެރޭގައިނަމަ، އެއީ ނުބައިކަމާއި ވިޔާނުދާކަމުގެ ކޮޅު ނެތް ކޮޅެވެ. އަދި އެކަންކުރަނީ ވެރިކަންކުރާ މައިޕާޓީގެ ޕާލިމެންޓަރީ ގުރޫޕް ލީޑަރަށް ވީމާ، އެޔަށްވުރެ ދީނީ ގޮތުން ނުރައްކާތެރީ އެހެން ކޮން މައްސަލައެއްތޯ އެވެ؟

ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތެރޭގައި އިސްލާމީ އުސޫލުތައް ދެނެވަޑައިގަންނަވާ އިސްލާމްދީނުގެ އިލްމުހުރި ބޭފުޅުން އެބަތިއްބެވިއެވެ. ގުރޫޕް ލީޑަރުކަން ދެއްވަންވާނީ، ޝަރުޢީ ހައްދުތަކާއި ތައުޒީރު ވަކިވާވަރު ބޭފުޅުންނަށެވެ. މިއީ އިސްލާމީ ގައުމެކެވެ. މި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތަކީ ގަޒުފުގެ ތުހުމަތެކެވެ. އެ ކުށަށް އޮތް އަދަބަކީ ގަޒުފުގެ ހައްދެވެ. އެކުށަށް މަރުގެ އަދަބު ދިނުން ހުއްދަވެގެންނުވެއެވެ. އަދި މަރުގެ އަދަބެއް ޝަރުޢީ ގޮތުން ދޭންޖެހިއްޖެ ތަނެއްގައިވެސް، އުލުބޭންދުމަކީ ޝަރުޢީ އުސޫލުތަކާ ދިމާއަށް އިދިކީލި ކަމެކެވެ.

ރަނގަޅެވެ. ބައެއް ހައްދުތައް އަޅުގަނޑުމެންގެ ތެރޭގައި ތަންފީޒު ނުކުރެވެއެވެ. ނަމަވެސް ހައްދުތައް ތަންފީޒުކުރެވޭ ގޮތް ވެފައި ނުވިނަމަވެސް، ހައްދުތަކާ ދެކޮޅަށް ވާހަކަދައްކައި ބަހުސްކުރުމަކީ އެއީ ތަފާތު ކަމެކެވެ. އަދި ވައްކަމުގެ ހައްދު ފަދަ ބައެއް ހައްދު ތަންފީޒުނުކުރެވޭތީ، ތައުޒީރީ އަދަބެއް ދޭ ދިނުމާއި، ހައްދު ކަނޑައެޅިފައިވާ ކުށެއްގެ އަދަބު އޭގެ ޒާތުން ބޮޑުކޮށް މަރުގެ އަދަބުދިނުމަށް ގޮވާލުމާއި މިއީ ވެސް މުޅިން ތަފާތު މައްސަލައެކެވެ.

އަލްބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުން ބައެއް ވިދާޅުވާށެވެ. "... އެއީ (އެކަންކަމާމެދު) ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ! އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ."

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދެއްކުމަކީ ކުޅިވަރެއް ނޫނެވެ. އެއީ އެކަމުގައި ޝަރުޢީ ނަތީޖާތަކެއް ހުރި ސީރިއަސް ކަމެކެވެ. އިސްލާމީ ޝަރީއަތުގައި ގާނޫނު ހެދުން ހުއްދައީ އަދި ގާނޫނުތަކުގައި ވަކި ގޮތެއް ހިމެނުމަށް ވަކާލާތުކުރުން ހުއްދައީވެސް އިސްލާމީ ޝަރީއަތާ ހިލާފު ނުވާނެ ގޮތެއްގެ މަތީންނެވެ.

އިސްލާމީ ޝަރީއަތުގައި ވަކި ގޮތަކަށް ކަނޑައެޅި ނިމިފައި ހުންނަ ކަންކަން ބަދަލުކުރުމަށް ވަކާލާތުކުރުން ނުވަތަ އެއިން ކަމަކަށް ހިޔާލެއް ފާޅުކުރުންވެސް އެއީ ހުއްދަވެގެން ނުވާ ކަމަކަށް ވަނީ އެކަންޏެއް ނޫނެވެ. އެކަމުގައި އިލްމުވެރިންގެ ފަތުވާތަކާއި އިބާރާތްތައް ހުރީ މުސްލިމެއްނަމަ އިންތިހާއަށް އެމީހެއްގެ އަގީދާއާމެދު ވެސް ބިރުވެތިވެ ރޫރޫ އަޅާންޖެހޭ ދަރަޖައަށެވެ.