މިލާން (އޮގަސްޓް 28) - އިނގިރޭސި ތަޖުރިބާކާރު ފޯވާޑް، ޖޭމީ ވާޑީ، އިޓާލިއަން ލީގުގެ ކްރެމޮނީސޭ އަށް ބަދަލުވުމަށްޓަކައި ކުރާ މަޝްވަރާތަކަށް ކުރިއެރުން ލިބިއްޖެ އެވެ.
ލެސްޓާ ސިޓީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ވާޑީ، 38، އެ ކްލަބް ދޫކޮށްލާފައިވަނީ، 13 އަހަރަށް ފަހު އެވެ. ލެސްޓާ އަށް ވާޑީ ސޮއިކުރީ އިނގިރޭސި އެންމެ ދަށް ޑިިވިޝަނުގައި 2012 ވަނަ އަހަރު ވާދަކުރަމުން އައި ފްލީޓްވުޑް ޓައުން އިންނެވެ. ލެސްޓާ އިން ވާޑީ ސިފަ ކުރަނީ، އެ ކްލަބްގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ ހާއްސަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
މި ސީޒަނުގައި ލެސްޓާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ވާޑީ އަކީ ޕްރިމިއާ ލީގުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޖުމްލަ އެކު، ހުރިހާ މުބާރާތެއްގައި ލެސްޓާ އަށް ވާޑީ ވަނީ 500 މެޗުން 200 ގޯލު ޖަހައިދީފަ އެވެ.
މި ފަހަރު އިޓާލިއަން ލީގަށް ޕްރޮމޯޓްވި ކްރެމޮނީސޭ އިން ވާޑީއާ އެކު މަޝްވަރާތައް ކުރިއަށްގެންދަމުން އަންނައިރު، ސޮއިކުރަން އެއްބަސްވެފައިވަނީ، އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ، ދެ ފަރާތް އެއްބަސްވެވޭނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ މާއްދާއެއް ހިމަނައިފަ އެވެ.
ކްރެމޮނީސޭ އިން މި ފަހަރުގެ އިޓާލިއަން ލީގު ފެށީ އޭސީ މިލާން 2-1 އިން ބަލިކޮށްފަ އެވެ.
ވާޑީ ވަނީ އެ ކްލަބާ އެކު، 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އެ ފަަހަރު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް ވާޑީ އެވެ. އެ ފަހަރު އޭނާ ވަނީ ލީގުގައި 24 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން، ލެސްޓާ އިން 2021 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ޓީމަށް ވެސް ވާޑީ ވަނީ ކުޅެފަ އެވެ.
ވާޑީގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުގެ އިތުރުން އެމެރިކާ ލީގުގެ ޓީމުތަކުގެ ހުށަހެޅުން ވެސް ލިބުނެވެ.
Comment