Advertisement

ރެއާލް ކުޅުންތެރިންނަށް ފަސޭހަކޮށްދޭތީ އަންޗެލޮޓީ ދެކެ ބާސެލޯނާ ހިތްހަމަނުޖެހިއްޖެ

27 އޮގަސްޓު 2025 - 09:58 0


ރެއާލް ކުޅުންތެރިންނަށް ފަސޭހަކޮށްދޭތީ އަންޗެލޮޓީ ދެކެ ބާސެލޯނާ ހިތްހަމަނުޖެހިއްޖެ

27 އޮގަސްޓު 2025 - 09:58 0

މެޑްރިޑް (އޮގަސްޓް 27) - ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް ފަސޭހަވާ ގޮތަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ކަންކަން ނިންމާތީވެ، ބާސެލޯނާ އިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އަންނަ މަހު ބްރެޒިލުން ކުޅޭ މެޗުތަކަށް ނަގާ ސްކޮޑުގައި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ނުހިމަނަން ބްރެޒިލްގެ ކޯޗު، އަންޗެލޮޓީ ނިންމިއިރު، ރެއާލްގެ ރޮޑްރީގޯ އާއި ސަންޓޯސްގެ ނޭމާ އަށް ވެސް ފުރުސަތެއް ނެތެވެ.

މި ނިންމުންތަކާ ބެހޭގޮތުން، ރެއާލްގެ ކުރީގެ ކޯޗު އަންޗެލޮޓީ ބުނީ، ވިނީޝިއުސް ނުނެގީ ސަސްޕެންޝަންގެ ސަބަބުން އެއް މެޗު ގެއްލޭތީ ކަމަށާއި ރޮޑްރީގޯ އާއި ނޭމާ ނުހިމެނި ސަބަބުތައް އެ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ.

އަދި، ރޮޑްރީގޯ ނުނެގި ސަބަބާ ބެހޭގޮތުން ވަކިން ބުނެފައިވަނީ، ވަރަށް ގިނަ ދުވަސްތަކެއް ކޮށްފައި ރޮޑްރީގޯ މެޗެއް ކުޅެފައިވާތީ އަދި ގައުމީ ޓީމަށް ތައްޔާރު ކަމަށް ނުފެންނަ ކަމަށެވެ.

ސްޕެއިނުގެ ނޫހަކަށް ބާސެލޯނާގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އަންޗެލޮޓީގެ ނިންމުންތައް ހުރީ ރެއާލް ކުޅުންތެރިންނަށް މެޗުތަކަށް ތައްޔާރުވާން އަރާމުކުރަން ފުރުސަތު ފަހިވާ ގޮތަށް ކަަމަށެވެ. އަދި، ގައުމީ ޓީމެއްގައި ހުންނައިރު، އެންމެ މުހިންމު ކުޅުންތެރިން ސްކޮޑަށް އަބަދުވެސް ނަގަން ޖެހޭނެ ކަމަށާއި އެކަމަކު މި ވަގުތު ފެންނަނީ، ވަކި ކްލަބެއްގެ ކުޅުންތެރިންނަށް ލުއި ކޮށްދޭ ގޮތަށް އަމަލުކުރަމުން އަންނަ ގޮތަށް ކަމަށް ބާސެލޯނާގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ބްރެޒިލުން ވަނީ އޮކްޓޫބަރު މަހު، ޖަޕާނާއި ދެކުނު ކޮރެއާގައި އެ ދެ ގައުމާ ދެކޮޅަށް މެޗުތަކެއް ކުޅެން ތާވަލުކޮށްފަ އެވެ.