Advertisement

ކަމަދޫގައި ބަހައްޓާ މޮނިއުމެންޓް ޑިޒައިންކޮށްގެން 50،000ރ. ހޯދުމުގެ ފުރުސަތު

26 އޮގަސްޓު 2025 - 21:02 8

ކަމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.


ކަމަދޫގައި ބަހައްޓާ މޮނިއުމެންޓް ޑިޒައިންކޮށްގެން 50،000ރ. ހޯދުމުގެ ފުރުސަތު

26 އޮގަސްޓު 2025 - 21:02 8

ބ. ކަމަދޫ ބަނދަރު ސަރަހައްދުގައި މޮނިއުމެންޓެއް ބެހެއްޓުމަށްޓަކައި ޑިޒައިން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކަމަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވާގޮތުން މޮނިއުމެންޓުން އެ ރަށުގެ ނަން ރަމްޒުކޮށްދެން ޖެހެ އެވެ. އެންމެ މޮޅު ޑިޒައިނަކަށް 50،000ރ. ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

ޑިޒައިން ހުށަހެޅެނީ ކަމަދޫ މީހުންނަށާއި އެ މީހެއްގެ މަންމަ ނުވަތަ ބައްޕަގެ ރަޖިސްޓްރީ އެ ރަށުގައި އޮންނަމަ އެވެ.

ހުށަހަޅާ ޑިޒައިނަކީ ކަމަދޫގެ ތާރީހާއި ސަގާފަތް އަދި ފަތުރުވެރިކަމާ ގުޅޭ ޑިޒައިނަކަށް ވާން ޖެހެ އެވެ. ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 28، ގެ 14:00 އެވެ.

ރަށުގެ ދޮންވެލި ގޮނޑުދޮށާއި ވަށައިގެންވާ ނޫވިލާއި އެ މުއްސަނދި ފަޅާއި ފަރާއި ރަށުގައި ހެދިފައިވާ ގަސްގަހާއި މާމެލާމެލީގެ ސަބަބުން ކަމަދޫއަކީ ވެށީގެ ފުރިހަމަ ހިތްގައިމުކަމެއް ލިބިފައިވާ ރަށެކެވެ.

ގާތްގަނޑަކަށް 16 ހެކްޓަރުގެ، ބިން ތިރި، ފެންތިލަ ކަމަދޫއަކީ ލޯކަލް ޓޫރިޒަމްގައި ވެސް ކުރިއަރާފައިވާ ރަށެކެވެ. އެ ރަށުގައި 13 ގެސްޓްހައުސް އެބަހުއްޓެވެ.

ކަމަދޫއަކީ ރާއްޖޭގެ ފެންވަރުގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށެވެ. ކޮންމެ އަހަރެއްގެ ވެސް އީދު ކުޅިވަރުތައް ބަލާލުމަށް އެ ރަށަށް އެތައް ބަޔަކު ޒިޔާރަތް ކުރެ އެވެ.