12 އޮގަސްޓު 2025 - 09:27 5
ހަސަން މުހައްމަދު
މުއިއްޒު ކަމަދޫގައި: ރައީސް ނަޝީދާއި ސޯލިހު ވެސް ކަމަދޫއަށް ވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް
12 އޮގަސްޓު 2025 - 09:27 5
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްފަހު ރަސްމީ ހައިސިއްޔަތުން ބ. ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ މުހައްމަދު މުއިއްޒު ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެކެވެ.
މުއިއްޒު އިއްޔެ ކަމަދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަކީ މައުމޫނަށް ފަހު ރަސްމީ ހައިސިއްޔަތުން ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ކަމަށް ވިދާޅުވީ އެ ރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރެވެ.
"ރައީސް މައުމޫނަށް ފަހު ރައީސުލްޖުމްހޫރިއްޔާއަކު ރަސްމީ ހައިސިއްޔަތުން ކަމަދޫއަށް ފަހުގެ ތާރީހެއްގައި ޒިޔާރަތް ކުރެއްވި ރައީސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު. އެކަމަށްޓަކައި މަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޒަރީރު ވިދާޅުވި އެވެ.
އޭގެ ފަހުން، މުއިއްޒުއާ ގުޅުން އޮންނަ އެމްއެމްޓީވީ އިން ދަނީ އެ ވާހަކަ ވަރަށް ބޮޑަށް ފަތުރަމުންނެވެ. އަދި މުއިއްޒުގެ ޕްރޮޕެގެންޑާ ފަތުރަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް އަންނަނީ އެ ވާހަކަ ހަމަ އެގޮތަށް ފަތުރަމުންނެވެ.
ނަމަވެސް ރައީސް މައުމޫނަށް ފަހު ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކަމަދޫއަށް ވަޑައިގެންނެވި އެވެ. ކަމަދޫ ކައުންސިލު ރައީސް ފާހަގަ ކުރެއްވީ، ރަސްމީ ހައިސިއްޔަތުން މުއިއްޒު ނޫން ރައީސްއަކު ކަމަދޫއަށް ވަޑައިނުގަންނަވާ ވާހަކަ އެވެ. އެކަމަކު އެއީ ވެސް ރަނގަޅު ވާހަކައެއް ނޫނެވެ.
ރައީސް މުއިއްޒު ވެސް އިއްޔެ ކަމަދޫއަށް ހަގީގަތުގައި ވަޑައިގެންނެވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށެވެ. ރައީސް މައުމޫން 2008 ގައި ވެސް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބޯމަތިވެފައި އޮއްވަ އެވެ. ރައީސް ނަޝީދު 2010 ގައި ވަޑައިގެންނެވީ ކެމްޕެއިނެއް ކުރިމަތިވެފައި އޮއްވާކަން އެނގޭކަށް ނެތެވެ.
އެކަމަކު އޯގަސްޓު 22، 2023، ގައި ރައީސް ސޯލިހު ކަމަދޫއަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގަ އެވެ. އެމަނިކުފާނުގެ ދަތުރުގައި ދެއްކެވީ ކެމްޕެއިނުގެ ވާހަކަ އެވެ. ވާހަކަ ދެއްކެވީ އެމްޑީޕީގެ ބެނާއެއް ކުރިމަތީ ހުންނަވައިގެންނެވެ. އަދި ދަތުރުގައި ސަޕޯޓަރުން ބޭނުން ކުރެއްވީ ވެސް އެމްޑީޕީގެ ކުލަތަކެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކަމަދޫއަށް އެންމެ ފަހުން ވަޑައިގެންނެވި ކަމަށް ފެންނަން އޮތީ މާޗް 13، 2008، ގަ އެވެ. އެއީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ނަމުގައި ކުރެއްވި ދަތުރެއް ނޫން ނަމަވެސް އެއިރު އޮތީ އިންތިހާބު ބޯމަތިވެފަ އެވެ.
"ކުރިން ވެސް ދަންނަވާލިފަދައިން، މި ދަތުރުގެ އެންމެފަހު މަންޒިލަކީ މިއީ. މި ރަށަށް އައުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށާއި އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މި ރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަން،" އެ ދަތުރުގައި މައުމޫން ވިދާޅުވި އެވެ.
އޭގެ ފަހުން ރައީސް ނަޝީދު ކަމަދޫއަށް ވަޑައިގެންނެވީ ނޮވެމްބަރު 8، 2010، ގަ އެވެ.
"އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑު ނުކުމެ މިހުރީ މަސައްކަތް ކުރާށޭ. އެންމެ ދުވަހެއް ވެސް އިރާދަކުރެއްވިއްޔާ، 14 ގަޑިއިރު މަސައްކަތް ނުކޮށް އަޅުގަނޑު ހުއްޓައެއްނުލާނަމޭ. އަޅުގަނޑު މިތަނުގައި މިހިރީ، ވެރިކަމުގެ ޝަހެންޝާހަށްޓަކައެއް ނޫން. އޭގެ އަރާމާއި ލައްޒަތަށްޓަކައެއް ވެސް ނޫން. އަޅުގަނޑުމެން މިކަން ކުރަން މިއުޅެނީ، ކަމެއް ކުރާންވެގެން. މި ރާއްޖެ ތަރައްގީ ކުރާންވެގެން. އަޅުގަނޑުމެން މިދެކޭ މަންޒަރު، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ހަގީގަތަކަށް ހެދުމަށްޓަކައި،" އެ ދުވަހު ނަޝީދު ވިދާޅުވި އެވެ.
Comment