11 އޮގަސްޓު 2025 - 14:47 3
އަމަން ހަލީމް
ދެ ކްލާސްރޫމު އެޅުމުގެ އެއްބަސްު
11 އޮގަސްޓު 2025 - 14:47 3
ބ. ކަމަދޫ ސްކޫލުގެ އާ އިމާރާތުގައި ދެ ކްލާސްރޫމު އަޅަން ބޮޑު އަގެއްގައި، ސޯޝަލް ހައުސިން ތަރައްގީ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެފްޑީސީއާ މި މަސައްކަތް ހަވާލުކުރީ ބ. އަތޮޅުގެ ރަށްތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
ކަމަދޫ ސްކޫލުގެ ދެ ކްލާސްރޫމު އަޅަން އެފްޑީސީއަށް ދިނީ 5.4 މިލިއަން ރުފިޔާއަށެވެ. އެހެންކަމުން އެ ކުންފުނިން ކްލާސްރޫމެއް އަޅައިދެނީ 2.7 މިލިއަން ރުފިޔާއަށެވެ.
އެފްޑީސީއާ މި މަސައްކަތް ހަވާލުކުރިއިރު އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން މެޝީނަރީ އާއި މަސައްކަތު މީހުންނާއި މި ފަދަ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ސާމާނާއި ވަސީލަތްތަކާއި ތަޖުރިބާ ހުރި ކުންފުންޏެއް ނޫނެވެ.
ހުޅުމާލޭގައި އެ ކުންފުނިން އިމާރާތްކުރަމުން އަންނަ ފްލެޓުތަކަކީ ވެސް، އިންޑިއާގެ ދެ ކުންފުންޏަކުން އަމަލީ މަސައްކަތް ކުރަމުން އަންނަ ފްލެޓުތަކެކެވެ. މި ތަންތަން އިމާރާތްކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުންނެއް ނޫޅެ އެވެ. އެފްޑީސީގެ ހުރިހާ ހަރަކާތެއް މަރުކަޒުކޮށްފައި ވަނީ ވެސް މާލޭ ސަރަހައްދުގަ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި، އެފްޑީސީއަކީ އެއްވެސް އާމްދަނީއެއް ވަންނަ ކުންފުންޏެއް ނޫނެވެ. މިހާތަނަށް އެ ކުންފުންޏަށް ވަން ފައިސާއެއް ވިއްޔާ ވަނީ ސަރުކާރުން ދިން އިކުއިޓީ އާއި ކެޕިޓަލް އިންޖެކްޝަންތަކުންނެވެ.
ސަރުކާރުގެ އިކުއިޓީ ވެސް ވަނީ ހުޅުމާލޭގައި ފްލެޓުތައް އިމާރާތްކުރި ބިންތަކުގެ އަގުން އުނިކޮށް، އިކުއިޓީއަށްވާ ފައިސާ ދެއްކުނީ ކަމަށް ނިންމާފަ އެވެ. އެ ކުންފުނިން ހިންގަމުން އަންނަ ދެ ޕްރޮޖެކްޓަކީ ސަރުކާރުގެ ސޮވަރިން ގެރެންޓީ ލިބިގެން އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ބަޔާސް ކްރެޑިޓު ފެސިލިޓީއަކުން 80 ޕަސެންޓު ފަންޑުކޮށްގެން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކެވެ.
އެފްޑީސީގައި ތިބީ ސީނިއާ މެނޭޖުމަންޓާއި މެނޭޖުމަންޓު ގިންތީގައި ތިބި 15 މުވައްޒަފުން ހިމަނައިގެން 127 މުވައްޒަފުންނެވެ. މީގެ ތެރޭގައި ގިނައީ އިދާރާ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ދެން ތިބި މުވައްޒަފުންނަކީ އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކުގެ ޓެކްނިކަލް މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރާ މުވައްޒަފުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ލޭބަރުންނާއި ވެލްޑަރުންނާއި މޭސަނުން ފަދަ ކޮންސްޓްރަކްޝަނުގައި އުޅޭ އެއްވެސް މީހަކު އެ ކުންފުނީގައި މި ވަގުތު ވަޒީފާ އަދާނުކުރެ އެވެ.
މި ސަރުކާރުގެ އިގުތިސޯދީ ރިފޯމް އެޖެންޑާގައި ހިމެނޭ އެސްއޯއީތައް ރިފޯމް ކުރުމުގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސަބްސިޑަރީއަކަށް އެފްޑީސީ ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ. ނަމަވެސް މި މުއާމަލާތް ކުރިއަށް ގެންދަން އިބުތިދާއީ މަސައްކަތްތަކެއް ކުރުމަށް ފަހު އެ ކަމުގެ އަދާހަމައެއް ނުލިބެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment