3 ސެޕްޓެންބަރު 2025 - 09:54 0
މުހައްމަދު ޝަހްޒާން
ބ. ކަމަދޫ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އޮޑި ކަމަދޫ
3 ސެޕްޓެންބަރު 2025 - 09:54 0
މި މަހު 11 ގައި ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެކްސްގައި މޯލްޑިވިއަނުން ކުރި ޕޯސްޓެއްގައި ބުނީ މި މަހު 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައި ވަނީ ހޯކްސް ހޮޓެލްސް އާއި މޯލްޑިވިއަން ގުޅިގެންނެވެ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނީގެ ދެމެދުގައި ސޮއިކުރީ އޯގަސްޓު 11، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ތައާރަފު ކުރުމާއެކު އެ ރަށުގެ އިގުތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
"ސީޕްލޭންގެ ހިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް މިހައި ބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިގުތިސާދީ ފައިދާއެއް މި ރަށަށް ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން މުއިއްޒު ވަނީ ހޯކްސް އާއި މޯލްޑިވިއަންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ކަމަދޫ އަކީ އެ އަތޮޅު ތަރައްގީގެ ލިސްޓުގައި ތަންކޮޅެއް ފަހަތުގައި އޮންނަ ރަށެއް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެ އަތޮޅުގެ އެހެން ރަށްރަށާއި އެ ރަށް ތަފާތު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
Comment