Advertisement

ބީއެމްއެލް އިން ސަރުކާރު ވައްޓާލަން އުޅުނުތާ އަހަރެއް ފާއިތުވިއިރު ވެސް އެ މައްސަލައިގެ ތަހުގީގެއް ނުނިމޭ

25 އޮގަސްޓު 2025 - 15:13 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ބީއެމްއެލް އިން ސަރުކާރު ވައްޓާލަން އުޅުނުތާ އަހަރެއް ފާއިތުވިއިރު ވެސް އެ މައްސަލައިގެ ތަހުގީގެއް ނުނިމޭ

25 އޮގަސްޓު 2025 - 15:13 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވިތާ އަހަރެއް ފާއިތުވީއިރު ވެސް އެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަން އަދަދު އަށް އެނގިއްޖެ އެވެ.

މާލީ ބަގާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ކުރަން ބީއެމްއެލްއިން އުޅުނު ކަމަށް މުއިއްޒު ތުހުމަތު ކުރުމުން އެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ އޯގަސްޓު 26، 2024, ގަ އެވެ. އެ ތަހުގީގަށް މާދަން އެއް އަހަރުވާއިރު، ތަހުގީގުގެ އަޕްޑޭޓަކީ ކޮބައިތޯ ފުލުހުންގެ މީޑިއާ އޮފިޝަލް ގާތު އެހުމުން ވިދާޅުވީ ބަލައިލާނެ ކަމަށެވެ.

"އާދެ، ބަލައިލާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއަށްފަހު ފުލުހުންގެ ފަރާތުން ކޮމެންޓެއް ނުކުރެ އެވެ. ގުޅުމުން ފޯނަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ފުލުހުންގެ ރަސްމީ ކޮމެންޓެއް ނުލިބުނު ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި މާލީ ބަގާވާތުގެ ތުހުމަތާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އެއްކުރެވުނު މައުލޫމާތުން އެފަދަ ކަމެއް ރާވައި އިންތިޒާމުކޮށްގެން ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވެ އެވެ.

"ހެއްކެއް ފެންނާކަށް ނެތް ކޯޑިނޭޓެޑް ވެގެން ކަމެއް އެގަޑީގައި ބައިވަރު އެތައް ސަތޭކަ ބޮޓް އެކައުންޓްތަކެއް މީހުން މަގުމައްޗަށް އެއްވާން ނިކުންނަން ގޮވައި، އެގަޑީގައި ޕްރެސް ކޮންފަރެންސްގެ ގަޑި އާއި ބޭންކުން އެކަންތައް އިއުލާންކުރި ގަޑިއާ ވެސް ދިމާވުމާއި މި އަދި މިހާތަނަށް ފެންނަ ފެނުމަށް އިއްތިފާގު،" އެ މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މާލީ ބަގާވާތާ ގުޅިގެން ފުލުހުންގެ ފަރާތުން އެންމެފަހުން ރަސްމީކޮށް ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އެކި އިދާރާތަކުން ހޯދަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް މިހާރު ހޯދައި ނިމިފައިވާ ކަމަށެވެ.

ދެން އެކަމުގައި އޮތީ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމުން ކަމަށް ޕޮލިސް ކޮމިޝަނަރަކަށް އޭރު ހުންނެވި އަލީ ޝުޖާއު ނޮވެމްބަރު 14، ގައި އަދަދު އަށް ވިދާޅުވި އެވެ.

"އެއީ އެކަށީގެންވާ ތުހުމަތެއްތޯ ނޫންތޯ ވެސް ބެލޭނީ މައުލޫމާތުތައް އެއްކޮށް ކަންތައްތަކެއް ކޮށްގެން. ކަމާ އަޅުގަނޑުމެން ގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ނިމިފައި އެެހެރީ. ދިރާސާ ކުރުމަށްފަހު އެއަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން މިދަނީ. ފައިންޑިންތަކުން އެއީ ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލޭނެ،" ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް އޭގެފަހުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އެފަދަ އެއްވެސް އަޕްޑޭޓެއް ފުލުހުން ދީފައެއް ނުވެ އެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ބަލައިލާނެ ކަމަށް ބުނުމަށްފަހު އެއްވެސް މައުލޫމާތެއް ނުދެ އެވެ.