25 އޮގަސްޓު 2025 - 09:08 0
25 އޮގަސްޓު 2025 - 09:08 0
ޓިއުރިން، އިޓަލީ (އޮގަސްޓް 25) - އިޓާލިއަން ލީގުގެ އާ ސީޒަނުގައި ޔުވެންޓަސް އިން ކުޅުނު ފުރަަތަމަ މެޗުގައި، އެ ޓީމާ މި ފަހަރު އަލަށް ގުޅުނު ކެނަޑާގެ ފޯވާޑް، ޖޮނަތަން ޑޭވިޑް ޖެހި ގޯލާ އެކު، 2-0 އިން ޕާމާ ބަލިކޮށް މޮޅަކުން ފަށައިފި އެވެ.
މެޗު ފަށައިގެން ޔުވެންޓަސް އިން އެޓޭކަށް ޖެހިގެން ކުޅެން ފެށިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ފަބިއޯ ކޮންސެސާއޯ ބޮލުން ފޮނުވާލި ބޯޅައެއް ޕާމާ ކީޕަރު، ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި، ވެސް ޔުވެންޓަސްގެ ކޮންސެސާއޯ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޔުވެންޓަސް އިން ލީޑުނެގި ގޯލު 60 ވަނަ މިނިޓްގައި ޑޭވިޑް ޖެހީ އޭރިއާތެރެއަށް ތުރުކީގެ މިޑްފީލްޑަރު، ކެނާން ޔިލްޑީޒް ނެގި ހުރަހަކަށް އަރަ އެވެ. ލިލް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވި ޑޭވިޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މި މެޗުގައި ޔުވެންޓަސް އަށް މައްސަލަ ދިމާވީ 83 ވަނަ މިނިޓްގައި އެ ޓީމުގެ އަންޑްރެއާ ކަމްބިއާސޯ އަށް ސީދާ ރަތް ކާޑެއް ދެެއްކުމުންނެވެ. ކަމްބިއާސޯ އަށް ރަތެއް ދެއްކީ ޕާމާގެ މަތިއަސް ލޮވިކް މޫނުމަތީގައި އަތުން ޖެހުމުންނެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޔުވެންޓަސް އިން އިތުރު ލަނޑެއް ޖެހި އެވެ. މިއީ، މެޗުގެ 84 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި އަރައި، ޔިލްޑީޒް ދިން ބޯޅައަކުން ޑޫސާން ވްލާހޮވިޗް ޖެހި ގޯލެކެވެ.
އިޓާލިއަން ލީގުގެ އާ ސީޒަނުގެ ފުރަތަމަ ހަފްތާގެ މިހާތަނަށް ނަތީޖާތަކަށް ބަލާއިރު، ސެސްކް ފަބްރެގާސްގެ ކޯމޯ އިން 2-0 އިން ލާޒިއޯ ބަލިކުރިއިރު، އޭސީ މިލާން ވަނީ ކްރެމޮނީސޭ އަތުން 2-1 އިން ބަލިވެފަ އެވެ. ޗެމްޕިއަން، ނަޕޯލީން 2-0 ސަސުއޯލޯ ބަލިކުރިއިރު، ރޯމާ ވަނީ 1-0 އިން ބޮލޯނިއާ ބަލިކޮށްފަ އެވެ.
ލީގުގައި މިރޭ އިންޓަ އިން ޓޮރީނޯއާ ދެކޮޅަށް ކުޅޭނެ އެވެ.
Comment