Advertisement

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ތަސްދީގުކޮށްފި

22 އޮގަސްޓު 2025 - 18:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހުގައި -- ފޮޓޯ: ރައީސް އޮފީސް


އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ތަސްދީގުކޮށްފި

22 އޮގަސްޓު 2025 - 18:25 0

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ. އެ ބިލު ފާސްކުރީ އޯގަސްޓު 11، 11 ގަ އެވެ.

އެ ގާނޫނުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ އެ ދާއިރާ ކުރި އެރުވުމެވެ.

ބިލުގައިވާ ގޮތުން "ފިކުރީ މުދާ" ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ.

އެ ބިލު ގާނޫނަކަށްވުމާއެކު މިއަދުން ފެށިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުވީ އެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. ހަމައެހެންމެ، ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެ އެވެ.

އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. ކޮމިޓީ މަރުހަލާގައި ވަނީ އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮތް 10 އަހަރުގެ ތަޖުރިބާގެ މުއްދަތު ފަސް އަހަރަށް ކުރު ކޮށްފަ އެވެ.

އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.

މި ގާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ނުވަ ޝަރުތެއް ހަމަވާން ޖެހެ އެވެ. އެއީ؛

  1. ރަޖިސްޓްރީ ކުރެވޭ މުދަލާއި އޭގެ ކްލެސިފިކޭޝަން
  2. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތުގެ މައުލޫމާތު
  3. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތަށް ލިބިދޭ ހައްގުތައް
  4. ރަޖިސްޓްރީ ކުރި ތާރީހު
  5. ރަޖިސްޓްރީ ކުރެވޭ މުދަލަށް ހިމާޔަތް ލިބިދެވޭ މުއްދަތެއް
  6. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ގުޅޭގޮތުން ރަޖިސްޓްރީގައި ހިމަނަން ގާނޫނުން ލާޒިމުކުރާ މުއާމަލާތްތަކުގެ މައުލޫމާތު
  7. ހައްގުތައް ބަދަލުކުރެވިފައިވާނަމަ، އެކަން ނުވަތަ ލައިސަންސިން އެގްރީމެންޓެއްވާނަމަ އެކަން ހިމެނޭ ގޮތުން، ރަޖިސްޓްރޭޝަންގެ ހާލަތު
  8. ރަޖިސްޓްރޭޝަނަށް ގެނެވޭ އެންމެހާ ބަދަލުތައް
  9. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ބެހޭ، ކަމާބެހޭ ގާނޫނުގައި އަދި މި ގާނުނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ނޫންވެސް މައުލޫމާތު

އެ ގާނޫނުގެ ދަށުން ރަޖިސްޓްރާ ފިކުރީ މުދަލެއް ރަޖިސްޓްރީ ނުކޮށްދީފިނަމަ އެ ނިންމުން 14 ދުވަހުގެ ތެރޭގައި މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއީ މުރާޖާކުރަން ޖެހޭ ނިންމުމެއް ނަމަ 45 ދުވަހުގެ ތެރޭގައި އެކަމާ މެދު ރަޖިސްޓްރާ ގޮތަށް ނިންމަން ޖެހޭނެ އެވެ. ރަޖިސްޓްރާގެ ނިންމުން ކޯޓަށް ހުށަހެޅަން 30 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.