Advertisement

ދޮގު ހަބަރު ފެތުރުން؛ އިސްލާމީ ހައްލުތައް

22 އޮގަސްޓު 2025 - 09:04 5

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދޮގު ހަބަރު ފެތުރުން؛ އިސްލާމީ ހައްލުތައް

22 އޮގަސްޓު 2025 - 09:04 5

ހުސްވި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް މީޑިއާތައް ކޮންޓްރޯލްކުރަން ބިލެއް ހުށަހެޅި ކަމުގެ އަޑުތައް ވަރަށްގަދަވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިވެގެންދާ ގޮތަށް އަދި ނޫސްވެރިންނާމެދު އިހާނެތި ފިޔަވަޅުތަކެއް އެޅިގެން ހިނގައިދާނެ ގޮތަށް އެ ބިލު ފަރުމާކޮށްފައިވާކަމަށް ދެކޭ ރައްޔިތުން ގިނައެވެ. އެޔާއެކު ބިލުގެ ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅުން ފާހަގަ ކުރެއްވި އެންމެ މުހިންމު ކަމަކީ، ދޮގު ހަބަރު ފަތުރާ ފެތުރުން ހުއްޓުވަންޖެހޭކަމުގަ އެވެ. މީސް މީހުންނޭ ކިޔައިގެން ހިތު ހުރި ވާހަކައެއް ދެއްކުން މާބޮޑަށް އާންމުވެފައިވާކަމުގައެވެ.

ދޮގުހެދުމާއި ދޮގު ފެތުރުމާއި ދޮގަކީ ހުރިހާ ގޮތަކުން އިސްލާމްދީން ހަނގުރާމަކުރާ އެއްޗެކެވެ. މިކަން ހުއްޓުވާނެ ގޮތް ވެސް އެންމެ މޮޅަށް އޮތީ އިސްލާމްދީނުގައެވެ. ވަރަށް ގިނަ ބާވަތުގެ ދޮގުތައް ހުއްޓައި، ވަކި ހާއްސަ ބާވަތެއްގެ ދޮގެއް ފަތުރައިފި ނަމަ، އެކަމަކީ ހައްދު ގާއިމުކުރެވޭ ކަމެއްކަމުގައި އިސްލާމްދީން ލެއްވިއެވެ. މި އިޝާރާތްކުރީ ގަޒުފުގެ ހައްދަށެވެ. އެއްވެސް މީހަކު އަނެއް މީހާއީ ޒިނޭ ކުރި މީހެއް ކަމަށް ނުވަތަ ޒިނޭކުރާ މީހެއްކަމަށް ބުނެ މީހެއްގެ އަބުރަށް އަރައިގަނެއްޖެ ނަމަ، އޭނާ އެބުނީ ތެދެއްކަން ފަނޑިޔާރުގޭގައި ސާބިތުކޮށް ނުދެވިއްޖެނަމަ އެ މީހަކު އަށްޑިހަ އެތިފަހަރުން ހައްދު ޖަހައި، އެމީހެއްގެ ހެކިބަސް ވެސް ދެން ގަބޫލުކޮށް ނޫޅުމަށް އިސްލާމްދީނުގައި އަންގަވާފައިވެ އެވެ.

އެހެން ބާވަތްތަކުގެ ދޮގުތަކަށް މި ހައްދު ޝަރުއު ނުކުރެއްވީ ކީއްވެތޯއެވެ؟ އެ ސުވާލުގެ ޖަވާބަކީ، ޝަރުއީ ނިޒާމާއި އަދަބުދިނުން އެއީ އިސްލާމްދީން ގެނެސްދިން މަންހަޖުގެ ތެރެއިން ބަޔެކެވެ. ކަންކަން އިސްލާހުކުރުމަށާއި ކަންކަމުގެ ހައްލުތަކުގެ ގޮތުގައި އިސްލާމްދީން ގެނެސްދިނީ ހުރިހާ ކަމަކަށް އަދަބުދިނުމެއް ނޫނެވެ. އަދި ފިޔަވަޅުއަޅާ ޖޫރިމަނާކުރުމެއް ވެސް ނޫނެވެ.

ދޮގު ހެކިބަސް ދިނުމަށް ވެސް ނަޒަރެއްދޭށެވެ! ދޮގު ހެކިބަސްދިނުމަކީ އެހެން ހުރިހާ ދޮގަކަށްވުރެ ބޮޑު ފާފައެއްކަމުގައި އިސްލާމްދީން ކަނޑައެޅިއެވެ. ތިޔަބައި މީހުންނަށް އެންމެ ނުބައިކަން ބޮޑު ބޮޑެތި ފާފަތައް ތިމަން ކަލޭގެފާނު ހަބަރުކުރަންވަންހޭ ތަކުރާރުކޮށް މާތް ނަބިއްޔާ އެތައް ފަހަރަކު އިންޒާރު ކުރެއްވުމަށް ފަހު ހަދީސް ކުރެއްވި ބަސްފުޅުގައި ވެސް، މާތް ﷲ އަށް ޝަރީކުކުރުމާއި މައިންބަފައިންނަށް ނުބައިކޮށް ހިތުމާއި ވިއްދައިގެން އަންގަވާ ކަމަކީ ދޮގުހެކިބަސް ދިނުމުގެ ނުބައިކަމެވެ.

އެކަމަކު މިވެނި އެވެނި މީހަކީ ދޮގުހެކި ދެމުންދާ މީހެއް ކަމަށް ބަލައިގެން ވަކި ކައުންސިލަކުން ނުވަތަ މަޖިލީހަކުން ފިޔަވަޅުތަކެއް އަޅަން ފަށައިފިނަމަ، ވާ ގޮތަކީ، މުޖުތަމައުގެ ކުރިމަތީގައި އެއްފަހަރާ ގެއްލިގެންދާނީ ހެކިބަސްދޭ އެންމެންގެ އިތުބާރެވެ. އެއީ އެ ގަހު ކޭލެއް މި ގަހު ކޭލެއް އޭރަށް ވަކި ނުވާނެތީއެވެ.

ގަފުޒު ފިޔަވައި، ދޮގު ހަދާ މީހަކު ނުވަތަ ދޮގެއް ފަތުރާ މީހަކު ގެނެސް ގަންނަނީ ކިތަންމެ ބޮޑު ދޮގެއް ވިޔަސް އެމީހަކަށް އަދަބެއް ދިނުން ހުއްދަ ނުވާނެކަމަކަށް އަޅުގަނޑު ނުދަންނަވަމެވެ. ދޮގު ހެކިބަސްދިނުމާއި ސަރުކާރު އިދާރާތަކަށް ދޮގުހެދުމާއި ދޮގު މައުލޫމާތު ދިނުމާއި ސީރިޔަސް މަހައްލުތަކުގައި ދޮގު އާންމުކުރުން މި ހުންނަނީ ޝަރުއީ ގޮތުން ބަލާއިރުވެސް އަދަބު ކަނޑައެޅިދާނެ ކަންކަމެވެ. ވެރިޔަކަށް ހުންނަ މީހާ ރައްޔިތުންނަށް ދޮގު ހެދުން ވެސް މިފަދައެވެ.

އެހެންނަމަވެސް، ސަރުކާރޭ ކިޔައިގެން ހަދާ ދޮގު، ނުވަތަ ސިޔާސީ މިވެނި ބޭފުޅަކު އެވެނި ކަމެއް ކޮށްފި ކަމަށް ބުނެ ހަދާ ދޮގު، ނުވަތަ މުޖުތަމައުގައި އުޅޭ އަބުރުގެ ގޮތުން ބޮޑެތި މީހުންނާމެދު ފެތުރޭ ދޮގު ހުއްޓުވުމަށް އިސްލާމްދީން ކަނޑައެޅީ އަދަބުދިނުމުގެ މަގެއް ނޫނެވެ. އެގޮތަށް އިސްލާމްދީން އެކަން ކަނޑައެޅީ، މިބާވަތުގެ ދޮގު ހަދާ މީހަކަށް އަދަބުދިނުމަކުން، އެދޮގު ނިސްބަތްވި މީހާއަށް ލިބުނު ހިތްދަތިކަމާއި އަބުރަށް ލިބުނު ގެއްލުން ފޫބެދިގެން ނުދާތީއެވެ. އިސްލާމްދީނުގައި އޮތީ އެ ހުރިހާ ކަމެއް ފޫބެދޭނެ އުސޫލަކުން ދޮގުފެތުރުން ހުއްޓުވޭނެ މަގެއް ދައްކަވާފައެވެ.

އަލްޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތް ވިދާޅުވާށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ހަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ."

މިއާޔަތަށް ފިކުރު ހިންގާލީމާ އެނގޭ ކަންތައްތަކެއް އެބަހުއްޓެވެ. ފާސިގަކު ހަބަރެއް ގެނަޔަސް އެ ވަގުތުން ގަބޫލުކުރުމެއް ނެތް ފަދައިން ވަގުތުން ދޮގުކުރުމެއް ވެސް ނެތެވެ. ކީއްވެތޯއެވެ؟ ވަގުތުން ދޮގުކޮށްފިނަމަ، ދޮގުކުރާ މީހާ އެއީ ދޮގެއް ކަމަށް ގަބޫލުކުރިޔަސް، ދެންތިބި މީހުން އެއީ ތެދެއްކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންވީމާ ފާސިގު ކަލޭގެ ދޮގުވެރިކަން އެހެން މީހުންނަށް ވެސް ސާބިތުކޮށްދިނުމުގެ މުހިންމުކަމަށްޓަކައި އޭގައި އޮންނަންޖެހޭ ގޮތަކީ އޭގެ ތެދު ދޮގު ބެލުންކަމުގައި މި އާޔަތުގައި އެއަންގަވަނީއެވެ.

ދެވަނައަށް ފާހަގަވާނެ ކަމަކީ، ފާސިގަކު ހަބަރަކައިގެން އަތުވެއްޖެނަމަ، އޭނާއަށް ފިޔަވަޅު އަޅާ އަދަބުދޭން މިއާޔަތުގައި އަންގަވާފައި ނެތީ ކީއްވެތޯއެވެ؟ ސަބަބަކީ އޭނާގެ އެދޮގަށް އޭނާއަށް ދެވޭނެ ހަގީގީ އަދަބު މިއާޔަތުގައި އަންގަވާތީއެވެ. އެ އަދަބަކީ އޭނާގެ ބަހުގެ ތެދު ދޮގު ބަލާ ހާމަކުރުމެވެ.

މިއާޔަތަށް ވިސްނާ ފިކުރު ކުރާއިރު، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި މުޖުތަމައުގައި 'ބޮޑެތި' އަބުރު އޮންނަ މީހުންނާއި ސަރުކާރުގެ އިދާރާތަކޭ ކިޔައިގެން ފަތުރާ ދޮގު ހުއްޓުވޭނެ ހަރުދަނާ ނިޒާމެއްގައި ކޮންމެހެން ހުރުން އަސާސީ ދެ ރުކުނެއް އެބަ އޮތެވެ. އެއް ކަމަކީ ހާމަކުރުމެވެ. ދެވަނަ ކަމަކީ ހާމަކުރާ ހާމަކުރުމާމެދު އިތުބާރުކުރާނެ ވަރު މީހަކަށް ނުވަތަ ތަނަކަށް އެމީހެއް ނުވަތަ ތަނެއް ވުމެވެ.

ވަރަށް ގިނަ ފަހަރަށް ބައެއް ކަންކަން ހާމަކުރުމަށް ސަރުކާރުތަކުން ދެކޮޅު ހަދައެވެ. ވަރަށް ގިނަ ފަހަރަށް ބޮޑެތި މާލީ މުއާމަލާތްތައް ޝައްކުކުރެވޭ ބާވަތުގެ ގޮތްގޮތަށް ހިންގާއިރުވެސް، އޭގެ ހަގީގީ ތަފުސީލުތައް ސިއްރުކުރެއެވެ. މިކަމާއެކު ދޮގުވެރިންނަށް ދޮގުފެތުރުމަށް ޖާގަލިބެއެވެ. އަދި ކަންކަން އޮޅުންފިލުވުމަށް ފެންބޮވައިގެންފައިތިބޭ ރައްޔިތުންނަށް އެ ދޮގުތައް ގަބޫލުކުރެވޭގޮތްވެއެވެ.

ދެވަނަ ކަމަކީ އިތުބާރު އުފެއްދުމެވެ. އިސްލާމީ އަސާސްތަކެއް ނުވަތަ ދުނިޔޭގެ ތަހުޒީބު ތަންތަނުގައި ބަލައިގަނެފައި ހުންނަ އަސާސްތަކެއްގެ މައްޗަށް ވެސް ދައުލަތެއް ހިންގާނަމަ، ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އޮވެއެވެ. ސިއްހީ ކަމެއްގައި ބަޔަކު ދޮގެއް ފަތުރާނަމަ، ސިއްހަތާ ބެހޭ ވުޒާރާއިން އެއީ ހަމައެކަނި ދޮގެކޭ ބުންޏަސް މިބާވަތުގެ ގައުމުތަކުގައި ފެތުރެމުން އައި ދޮގު ވަގުތުން ހުއްޓިގެންދެއެވެ.

އެކަމަކު ބައެއް ސަރުކާރުތަކުން އަދި ބައެއް ވެރިން ރައްޔިތުންގެ ކުރިމަތީގައި ދޮގުހެދުމާއި ހިޔާނާތްތެރިވުން އެއީ އާންމުކަމަކަށް ހެދީމާ މީގެ އިދިކޮޅުވެސް އެފަދަ ގައުމުތަކުން ފެންނަމުންދެއެވެ. އެއީ ދޮގުހަދަމުންދާ މީހަކާމެދު އެހެން މީހަކު ދޮގެއް ހެދީމާ އެއްކަލަ ދޮގުވެރި ދުލުން އެއީ ދޮގެކޭ ބުންޏަކަސް މީހުން ގަބޫލެއް ނުކުރާނެއެވެ. އެފަދަ މީހާއާ މެދު ދޮގު ފެތުރި މީހާއަށް އަދަބު ދިނަސް ވެސް، މުޖުތަމައު ގަބޫލުކުރާނީ އަދަބު ވެސް އެ ދިނީ ނުހައްގުންކަމަށެވެ. ދޮގު ނަހަދަންވީ އެހެންވެގެންނެވެ. ދޮގު ވައުދުނުވާންވީވެސް އެހެންވެގެންނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނެވޭ ހައްގު ބަހަކީ އެންމެ މަތިވެރި ޖިހާދެވެ." އެހެނީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގު ބަހެއް ބުނެވޭނެ ހުރިހާ މަގެއް ހުންނާނީ ބަންދުވެފައެވެ. އަދި އެފަދަ ވެރިއެއްގެ ކުރިމަތީ ހައްގު ބަސް ބުނާ މީހާ އެކަން ކުރަންޖެހޭނީ އޭނާގެ ފުރާނަ އާއި ޖާނު އަތްމައްޗަށް ލައިގެންނެވެ. އެކަން މަތިވެރި ޖިހާދަކަށްވަނީ އެހެންވެގެންނެވެ.

ދޮގުހެދުމާއި ދޮގު ފެތުރުން ހުއްޓުވުމުގެ ނަމުގައި، ތެދު ހާމަކުރުމާއި ވައްކަންތައް ފަޅާއެރުވުން ހުއްޓުވާލައި، އެވާހަކަ ދައްކާ މީހުންނަށް އަދަބުދީ ފިޔަވަޅުއަޅާ ގޮތަށް ބިލެއް ފާސްކުރާ މީހަކު ނުވަތަ ބަޔަކު ފުރަތަމައަށް އެ އެއްބަސްވަނީ ތިމާމެންނަކީ މި ބަސްފުޅުގައި އޮތް ފަދަ އަނިޔާވެރި ޑިކްޓޭޓަރުންކަމަށެވެ. އެހެން ކަމަކަށް ނޫނެވެ.