Advertisement

މަތިވެރި އެއާޕޯޓުގެ އީއައިއޭ ހެދީ ދެ ދުވަހުން، ފާސްކުރަން 24 ގަޑިއިރު ވެސް ނުނަގާ

20 އޮގަސްޓު 2025 - 13:00 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަތިވެރި އެއާޕޯޓު ބިން ހިއްކަން ގެންގޮސްފައި އޮތް އެކްސްކަވޭޓަރު: ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުންޏާ -- ފޮޓޯ: ރައީސް އޮފީސް


މަތިވެރި އެއާޕޯޓުގެ އީއައިއޭ ހެދީ ދެ ދުވަހުން، ފާސްކުރަން 24 ގަޑިއިރު ވެސް ނުނަގާ

20 އޮގަސްޓު 2025 - 13:00 1

އއ. މަތިވެރީގައި އެއާޕޯޓް އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް ހަދާ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދެ ދުވަސް ތެރޭގައި ހަދައި 24 ގަޑިއިރު ނުވަނީސް ފާސްކޮށްފައިވާކަން އެނގިއްޖެ އެވެ.

މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައިގެން އެ ތަނުގައި އެއާޕޯޓު ތަރައްގީކޮށްގެން ހިންގަން އެމްއޭސީއެލް އާއެކު ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރާ ދިމާކޮށް އިއްޔެ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަދެވެ. އެހެންކަމުން އީއައިއޭއަށް އިއުލާން ކުރުމާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ ދޭތެރޭ ފަސް ދުވަސް ހަމަނުވެ އެވެ. މަސައްކަތް ފެށީ އެންމެ އެކްސްކެވޭޓަރެއް ގެންގޮސްގެންނެވެ.

އެ ސަރަހައްދު ސާވޭ ކުރުމަށް އޮގަސްޓު މަހުގެ ތެރޭގައި އެ ތަންތަނަށް ޒިޔާރަތް ކުރި އީއައިއޭގައި ބުނެފައި އޮތަސް އެއީ ކޮން ދުވަސްތަކެއް ކަމެއް ބުނެފައި ނެތެވެ. މަތިވެރި ކައުންސިލާ ބައްދަލުކުރީ އޮގަސްޓް 17، ގަ އެވެ. ބިން ހިއްކާ ސަރަހައްދުގެ މޫދުން މަސްމަހާމެހި ފެނިފައި ނުވާ ކަމަށް ވެސް އީއައިއޭ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އީއައިއޭގެ ޓައިމްލައިން

  1. ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގެ ޑްރާފްޓް ހުށަހެޅުން - އޮގަސްޓް 14
  2. ޓީއޯއާރު އެޕްރޫވް ކުރުން - އޮގަސްޓް 17
  3. އީއައިއޭ ނިންމައި ހުއްދައަށް ހުށަހެޅުން - އޮގަސްޓް 18
  4. އީއައިއޭ ހުއްދަ ދޫކުރި ތާރީހު - އޮގަސްޓް 19

އީއައިއޭގައި ބުނެފައިވާ ގޮތުން އީއައިއޭ ހަދަން ހަވާލުކުރިއިރު ކޮންޓްރެކްޓަރެއް ވެސް ހަމަޖެހިފައި ނުވެ އެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. އެއީ ބިން ހިއްކުމާއި، ކޯސްޓަލް ޕްރޮޓެކްޝަން ޖެހުމެވެ.

އެމްއޭސީއެލްއިން އެދިގެން މި އީއައިއޭ ހެދީ ފޯސައިޓް ސާވެޔާސް ކުންފުނިންނެވެ. އަވަސް އަރުވާލައިގެން އީއައިއޭ ހަދާފައިވާ އެހެން މަޝްރޫއުތަކުގެ އީއައިއޭތަކުން ފެންނަ ކުދިކުދި ކުށްތައް މި އީއައޭއިން ވެސް ފާހަގަކުރެވެ އެވެ.

އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރިއިރު، އެ ކުންފުންޏަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ކުންފުންޏެވެ. އެ ކުންފުނިން ބުނަނީ އެއާޕޯޓު މަޝްރޫއުތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން ހަވާލުވަނީ ސަރުކާރުގެ ސްޓެރެޓެޖިކް ތަރައްގީގެ ލަނޑުދަނޑިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން އެ ކުންފުނިން ވަނީ އެމްޓީސީސީއާ ގުޅިގެން ފައިނުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

މިއީ މަސައްކަތުގެ ދާއިރާއިން ބޭރުން ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެމްއޭސީއެލްއާ ހަވާލުކުރެވުނު މަސައްކަތެކެވެ. މީގެ ކުރިން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެހެން ކުންފުނިތަކާ ވެސް މި ގޮތަށް މަޝްރޫއުތައް ހަވާލުކުރެވިފައި ވެ އެވެ.

މީގެ ކުރިން ސަރުކާރުން މި ކަހަލަ މަޝްރޫއުތައް ހަވާލުކުރަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއަކީ މި ފަދަ މަސައްކަތްތައް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ އާއި އަދި ކޮންޓްރެކްޓިން މަސައްކަތްތައް ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.