20 އޮގަސްޓު 2025 - 10:24 0
ލީވާން އަލީ ނާސިރު
20 އޮގަސްޓު 2025 - 10:24 0
ރާއްޖޭގައި ދިރިއުޅޭ އަދި ޗައިނާ މީހުންނަށް އަމާޒުކޮށް އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ހުށަހަޅާތީ ސަމާލުވާން އެދިއްޖެ އެވެ.
ފުލުހުން ބުނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ހިންގާ އެ ސްކޭމްގައި މިހާތަނަށް 2.9 މިލިއަން ރުފިޔާގެ މާލީ ގެއްލުންވެފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފައިސާއެއް އަނބުރާ ލިބުނުކަން ކަށަވަރެއް ނުވެ އެވެ.
"މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން. މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް،" ފުލުހުން ބުންޏެވެ.
ސްކޭމްހިންގާ މީހުން އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ މީހުންނަށެވެ. ހާއްސަކޮށް ޓެދާ (ޔޫއެސްޑީޓީ) ގަނެވިއްކާ މީހުންނަށެވެ. މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅަ އެވެ.
މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެކެވެ. އެއީ މުޅި މި މަކަރުވެރި އަމަލުގެ ފެށުމެވެ.
އެއާއެކު، މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެންނެވެ.
ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރެއެވެ. ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރެ އެވެ.
ނަމަވެސް، ޓްރާންސްފާ ކުރުމަށްފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރެ އެވެ. ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށެވެ. އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދެ އެވެ. ވިއްކާ ފަރާތުން ގެއްލެނީ އެމީހުންގެ ކްރިޕްޓޯކަރަންސީ އެވެ.
ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާމެދު އެވެ. ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަނީ އެހާ ހިސާބުންނެވެ.
މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކު އުފެދިއްޖެނަމަ ނުވަތަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެ ކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކޮށް އެކަން ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލްސެންޓަރު 911 އަށް ގުޅައި ހިއްސާކުރަން ވަނީ އެދިފަ އެވެ.
މީގެއިތުރުން އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ގޮސްގެން ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.
Comment