ރޯޑް ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައި އޮފީސް އިމާރާތް: އާރުޑީސީއަކީ މަގު ހެދުމުގެ މަސައްކަތަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބިޒް ސޮލިއުޝަންސް ކިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ ދަރަންޏެއް ހުކުމާ އެއް ގޮތަށް ނުދައްކައިގެން، އެ ކުންފުނީގެ ނަމުގައި ދެ ބޭންކެއްގައި ހުރި ހުރިހާ ފައިސާއެއް ނަގައި، އެ ދަރަނިން ބަޔެއް ދައްކާ ހަލާސްކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، މިއީ މި އަހަރުގެ ފެބްރުއަރީ 2، އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އާރުޑީސީން 648،000ރ. ދައްކަން ކުރި ހުކުމެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ފައިސާ ނުދައްކަ އެވެ.
ހުކުމާ އެއް ގޮތަށް އާރުޑީސީން ފައިސާ ނުދެއްކި މައްސަލަ، ތަންފީޒީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް އެ ކުންފުނިން ވަނީ ހަތަރު ލައްކަ ރުފިޔާ ދައްކާފަ އެވެ.
ނަމަވެސް މި ވަރުން ދަރަނި އެއްކޮށް ދައްކައި ނުނިމޭތީ ސިވިލް ކޯޓުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގައި ހުރި ރުފިޔާ އެކައުންޓުތަކާއި ޑޮލަރު އެކައުންޓުތައް ހިފަހައްޓާފަ އެވެ. އެއީ:
ކޯޓުން ވަނީ ހިފެހެއްޓި 275،610ރ. ތެރެއިން ނުދައްކައިިވާ 248،000ރ. ކެނޑުމަށް ފަހު، ބާކީވީ ފައިސާ އާރުޑީސީއަށް އަނބުރާ ރައްދުކޮށްފަ އެވެ.
އާރުޑީސީއާ ދެކޮޅަށް މި ނޫން އެހެން މައްސަލަތަކުގައި ވެސް ކޯޓުން ހުކުމްކޮށްފައި ވެ އެވެ. މި ތަނުން ގިނަ މައްސަލަތަކަކީ މުދަލާއި ހިދުމަތް ހޯދުމަށް ފަހު އަމިއްލަ ވިޔަފާރިތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައި ހުރި މައްސަލަތަކެވެ.
ފައިސާ ނުދައްކައިގެން ކޯޓަށް މައްސަލަތައް ހުށަހަޅަމުންދާއިރު، އާރުޑީސީގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށް މި ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. ސަރުކާރުން ބުނާ ގޮތުން ހުރިހާ ވެސް މައްސަލައަކީ ކުރީ ސަރުކާރުގައި އާރުޑީސީގެ ތެރެއިން ހިންގާފައި ހުރި ހިޔާނާތްތަކެވެ.
އެ ގޮތުން، ރިޔާސީ ދައުރު ބެދޭ ދުވަސްވަރު ފުލުހުން ވަނީ އާރުޑީސީގެ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ. އެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ މައްސަލަ ބަލާ ކަމަށް ބުނެފަ އެވެ. އެކަމަކު އޭރު މައްސަލައާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކޮށް އާރުޑީސީގެ އޭރުގެ މެނޭޖުމަންޓުގައި ތިބި ބައެއް މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމަށް ފަހު، މައްސަލައިގެ އަދާހަމައަށް ނުލިބެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment