Advertisement

ކައުންސިލުތަކުން ތަންތަން ކުއްޔަށް ދޫކުރުމާއި މުވައްޒަފުން ނެގުން މެދުކަނޑާލަން އެލްޖީއޭ އިން އަންގައިފި

18 އޮގަސްޓު 2025 - 18:05 1

އެލްޖީއޭގެ ސީއީއޯ ނިމާލް އާއި މުހައްމަދު މުއިއްޒު: އާ އިސްލާހުތަކާއެކު ކައުންސިލުތަކުގެ މިނިވަން ވަނީ ގެއްލިފައި -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލުތަކުން ތަންތަން ކުއްޔަށް ދޫކުރުމާއި މުވައްޒަފުން ނެގުން މެދުކަނޑާލަން އެލްޖީއޭ އިން އަންގައިފި

18 އޮގަސްޓު 2025 - 18:05 1

ކައުންސިލުތަކުން ތަންތަން ކުއްޔަށް ދޫކުރުމާއި ކައުންސިލަށް މުވައްޒަފުން ނެގުމާއި ތަރައްގީގެ މަޝްރޫއުތައް ފެށުން މެދުކަނޑާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން މިއަދު އަންގައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އުމުރުގައި ބާކީ އެއް އަހަރު ނެތް ނަމަ އެ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރަން މަނާ ވެ އެވެ. ހަމަ އެގޮތަށް ތަރައްގީގެ އާ މަޝްރޫއުއެއް ފެށުމާއި ކައުންސިލަށް މުވައްޒަފުން ނެގުން ވެސް މަނާވާނެ އެވެ.

އެކަމަކު، މިދިޔަ ބުރާސްފަތި ދުވަހު އިސްލާހުތައް ތަސްދީގު ކުރި ފަހުން ވެސް ބައެއް ކައުންސިލުތަކުން އަންްނަނީ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބައެއް ތަންތަން ކުއްޔަށް ދޫކުރަން އިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި މ. މުލަކު ކައުންސިލް ހިމެނެ އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ސޮއިކޮށް ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ހިންގައިގެން ނުވާނެ ކަމަށެވެ.

"އަންނަނިވި ކަންކަމުން ކުރެ ކަމެއް އިއުލާނުކޮށް މި ގާނޫނު ތަސްދީގު ކުރުމާ ހަމައަށް ހަވާލުކޮށްފައިނުވާ ނަމަ މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން އެފަދަ ކަންކަން ހަވާލު ކުރުމާއި މުވައްޒަފުން ނެގުން ހުއްޓާލުމަށް އަންގަން،" ކައުންސިލުތަކަށް ނިމާލް އަންގާފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން އެލްޖީއޭ އާއި ފައިނޭންސް މިނިސްޓްރީ އިން ބައެއް އުސޫލުތައް ހަދަންޖެހެ އެވެ. އެކަމަކު އެ އުސޫލުތައް އަދިވެސް ހަދައި ނުނިމޭ ކަމަށް ނިމާލް މިއަދު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެހެން މީހަކު ކުރާ ވިޔަފާރިއެއް ކުރުމާއި ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ވިޔަފާރިއެއް މެނުވީ ކުރުން ކައުންސިލުތަކަށް މަނާވާނެ އެވެ. އަދި ކައުންސިލުތަކުން ކުރާ ވިޔަފާރިތަކަކީ، 10 މިލިއަން ރުފިޔާގެ އަގު ހުރި ވިޔަފާރިއަކަށް ވެސް ވާންޖެހެ އެވެ.

ގާނޫނު ވުޖޫދުވާއިރު ކައުންސިލަކުން އެފަދަ ވިޔަފާރިއެއް ކުރާ ނަމަ އެ ވިޔަފާރިއެއް ގިނަވެގެން ތިން މަސްދުވަސް ތެރޭގައި ހުއްޓާލަންޖެހެ އެވެ. ނަމަވެސް، އެލްޖީއޭއިން ފޮނުވި ސިޓީގައި ކައުންސިލުތަކުން ވިޔަފާރި ކުރުމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.