Advertisement

ބޭރު ގައުމުތަކަށް މުއިއްޒު ކުރާ ދަތުރުތަކުގެ ހަރަދު ހާމަކުރުން ހުއްޓާލައިފި

18 އޮގަސްޓު 2025 - 12:04 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މުއިއްޒު ކޮށްފައިވާ ދަތުރުތަކުގެ ތެރެއިން ހަރަދު ހާމަނުކޮށް އޮތް ތިން ދަތުރު ދިޔަ ގައުމުތަކާއި ދަތުރުގެ ފޮޓޯ --- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ބޭރު ގައުމުތަކަށް މުއިއްޒު ކުރާ ދަތުރުތަކުގެ ހަރަދު ހާމަކުރުން ހުއްޓާލައިފި

18 އޮގަސްޓު 2025 - 12:04 2

ރައީސް މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދު ހާމަ ކުރުން ސަރުކާރުން ހުއްޓާލައިފި އެވެ.

ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރަން ފެށީ މުއިއްޒުގެ އިސްނެންގެވުމަށެވެ. ދަތުރުތަކުގެ ހަރަދު އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޑިސެމްބަރު 2، 2023 ގަ އެވެ.

އެ ނިންމުމުގެ ދަށުން ރައީސް އޮފީހުން އެންމެ ފަހުން ހާމަކުރީ އޭޕްރީލް މަހު އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ހަރަދެވެ. އޭގެ ފަހުން މުއިއްޒު ވަނީ އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފަ އެވެ.

މެލޭޝިއާއަށް މުއިއްޒު ކުރެއްވި ދަތުރު ނިންމާލި ފަހުން 110 ދުވަސް ވެއްޖެ އެވެ. ސިންގަޕޫރު ދަތުރަށް 47 ދުވަސް ފާއިތުވިއިރު، މުއިއްޒު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވި ފަހުން 30 ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ ދަތުރުތަކުގެ ހަރަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ދަތުރުތަކުގެ ހަރަދު ހާމަކުރުން ހުއްޓާލި ސަބަބު ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަން ސާފުކުރުމަށް ރައީސް އޮފީހާ ސުވާލުކުރުމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ހަރަދުތައް ހާމަކުރުން ނުހުއްޓޭނެ ކަމަށާއި ޑިލޭތަކެއް އައިސްދާނެ ކަމަށެވެ. އެކަން އިތުރަށް ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި އޮތީ ދަތުރު ނިމޭތަ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ދަތުރަށް ހިނގި ހަރަދުގެ ތަފުސީލު ހާމަ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ޑީޓެއިލްސްތަކެއް ރެޑީކުރެވި، ތައްޔާރުކުރެވިއްޖިއްޔާ ފަހަރެއްގައި ހަމަ ދެ ދުވަސް ތެރޭގައިވެސް ހާމަކުރެވިދާނެ. ގިނަވެގެން ފަނަރަ ދުވަހުގެ ތެރޭގައި ހާމަކުރާ ވާހަކަ. އެއްވެސް އެއްޗެއް ނުފޮރުވާނަން. އަޅުގަނޑުމެން ފޮރުވާނެ އެއްޗެއް ނޯންނާނެ،" އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ މުއިއްޒު ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި މުއިއްޒު ވަނީ ފަސް ދަތުރެއް ކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުރާއި ސިންގަޕޫރު، މެލޭޝިއާ، އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރެވެ. މީގެތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާވެސް އެކުގަ އެވެ.

މުއިއްޒުގެ އިތުރުން ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.