Advertisement

މިވަގުތު 4،100 ސިޔާސީ މުވައްޒަފުން އެބަތިބި، ދައުލަތުގެ ޕޭރޯލް ހަ ބިލިއަނުން މަތިވެއްޖެ: ޣަފޫރު

5 ޖަނަވަރީ 2026 - 12:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ: އޭނާ ވިދާޅުވީ ސަރުކާރުގައި މިވަގުތު 4،100 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިވަގުތު 4،100 ސިޔާސީ މުވައްޒަފުން އެބަތިބި، ދައުލަތުގެ ޕޭރޯލް ހަ ބިލިއަނުން މަތިވެއްޖެ: ޣަފޫރު

5 ޖަނަވަރީ 2026 - 12:33 0

މިވަގުތު ސަރުކާރުގައި 4،100 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށާއި މި ސަރުކާރު ހަވާލުވި ފަހުން ދައުލަތުގެ ޕޭރޯލް އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރު ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

ސްކޫލުތައް ނިމޭ ގަޑީ ނިކުންނަށް ކުދިންނަށްވުރެ އެސްއޯއީތަކުގެ މަސައްކަތް ނިމޭ ގަޑީ ނިކުންނަ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ވެސް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސާނުގެ މަގާމުގައި ހުންނެވި ޣަފޫރު ވިދާޅުވި މިއަދު ވިދާޅުވި އެވެ.

"ސަރުކާރު ބަދަލުވިއިރު 11 ބިލިއަނުގައި ދައުލަތުގެ ޕޭރޯލް އޮތްއިރު، މިއަދު ދައުލަތުގެ ޕޭރޯލް 17 ބިލިއަނަށް އަރައިގެން އެ ދިޔައީ އިއްޒަތްތެރި ރައީސް. އެއީ ސިޔާސީ މީހުންގެ މަގާމުތައް އިތުރުކޮށް ހަ ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހިފަ ވަނީ އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވި އެވެ.

"އެމެރިކާގައި ތިބީ 4،000 ސިޔާސީ މުވައްޒަފުން. މިގައުމުގައި އެބަތިބި 4،100 ސިޔާސީ މުވައްޒަފުން،"

ޣަފޫރުގެ ވާހަކަ މިހާ ހިސާބަށް ދިޔުމުން ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް އޭނާގެ ވާހަކައަށް ހުރަސް އަޅާފަ އެވެ.

ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުންނަށް ނަސޭހަތް ދެއްވުމުން، ދެން ވެސް ޣަފޫރު ދެއްކެވީ ހަރަދު ބޮޑުވުމާއި ސިޔާސީ މުވައްޒަފުން އިތުރުވުމުގެ ވާހަކަ އެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، އެ ނަންބަރު ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެ އަދަދު ހުރީ 2،000 އަށްވުރެ މަތީގަ އެވެ.

މި އަދަދު ސާފުކުރަން އާންމުންގެ މީހަކު އާރުޓީއައި ހުށަހެޅުން ޖަވާބު ދިނުމުގެ ބަދަލުގައި ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އަޑުއެހުމެއްގައި ވަނީ ދޮގުހަދާފަ އެވެ.

ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މުސާރަ ޝީޓު ތައްޔާރު ކުރުމަށް ފަހު ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ ކަމަށް ފިނޭންސްގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ވެސް އެއްބަސްވި އެވެ. އެއާއެކު އާހިދު ވިދާޅުވީ ހުރިހާ އިދާރާއެއްގެ މުސާރަ ޝީޓު ފިނޭންސްގައި ހުންނަންވާނެ ކަމަށެވެ.