17 އޮގަސްޓު 2025 - 14:40 0
މުހައްމަދު ޝަހްޒާން
އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
17 އޮގަސްޓު 2025 - 14:40 0
އެންވަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ އެންމެ އިސް އިދާރީ މުވައްޒަފުގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނުގައި އެދިފައި ވަނީ އެ މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޝަނަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސާވިސްގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އީއާރްއޭގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި އެ މަގާމުގެ ޝަރުތުގެ އިތުރުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް އެ އިލާނާއެކު އާންމުކޮށްފައި ވެ އެވެ.
ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކުރީ އޯގަސްޓު 12، ގަ އެވެ.
ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ މީގެ ކުރިން ހިންގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އީޕީއޭ އަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގަމުންދިޔަ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންނެވި ބަދަލާއެކު އެ އިދާރާގެ ނަން އެންވަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، ހިންގުން ވަނީ އެންވަރަމެންޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
Comment