Advertisement

1،400 ޓޫރިސްޓުން ނުފުރިފައި އެބަތިބި: ތޯރިގު

about 1 hour 0

ޓޫރިޒަމް މިނިސްޓަރު ވެލާނާ އެއާޕޯޓުގައި ތާށިވެފައި ހުރި ޓޫރިސްޓަކާ ވާހަކަ ދައްކަނީ: ތޯރިގު ވިދާޅުވީ ގިނަ ޓޫރިސްޓުން އެދުނީ އެ މީހުން ތިބި ރިސޯޓު ނޫނީ ގެސްޓްހައުސްއަށް ފޮނުވައިދޭން ކަމަށް --- ފޮޓޯ: އަދަދު


1،400 ޓޫރިސްޓުން ނުފުރިފައި އެބަތިބި: ތޯރިގު

about 1 hour 0

މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ކެންސަލްވި ފްލައިޓުތަކުން ފުރަން ގޮސް ތިބި 1،400 އެއްހާ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރީ އެމެރިކާ އާއި އިސްރޭލުން އިއްޔެ ހެނދުނު އިރާނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. ރައްދުގައި އިރާނުން ވެސް ވަނީ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ދީފަ އެވެ.

ވެލާނާ އެއާޕޯޓުގައި ތާށިވެފައި ތިބި ޓޫރިސްޓުންނާ ބައްދަލުކުރައްވަން އެ ވަގުތު އެއާޕޯޓުގައި ހުންނެވި ތޯރިގު އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަށް ފްލައިޓެއް ކެންސަލްވެ، ދެ ފްލައިޓެއް ނުފުރިފައި އެބައޮތް ކަމަށެވެ.

ތޯރިގު ވިދާޅުވި ގޮތުގައި އެއާޕޯޓުގައި ތާށިވެފައި ތިބި ގިނަ ޓޫރިސްޓުން އެދުނީ ކުރިން ތިބި ރިސޯޓު ނޫނީ ގެސްޓުހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. ބައެއް ޓޫރިސްޓުން ވަނީ އެހެން ފްލައިޓެއްގައި ވިޔަސް ގައުމަށް އަނބުރާ ދެވޭނެ ގޮތެއް ނޫނީ އެއާޕޯޓުގައި ތިބެވޭ ގޮތް ހަމަޖައްސައިދޭން އެދިފަ އެވެ.

ތޯރިގު ވަނީ ރިސޯޓުތަކަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް އެ ގޮތްތައް ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ތާށިވެފައި ތިބި ޓޫރިސްޓުން މި ވަގުތު ތިބޭނެ ތަނެއްގެ ގޮތުގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަނީ ހަމަޖައްސާފަ އެވެ.

ނުފުރިފައި ތިބި ޓޫރިސްޓުންގެ އިތުރުން، ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓުތަކެއް ކެންސަލް ކުރުމާ އެކީ ރާއްޖެ ނާދެވި މެދުއިރުމަތީގެ ގައުމުތަކުގެ އެއާޕޯޓުތަކުގައި ތާށިވެފައި ތިބި މީހުން ވެސް އެބަތިއްބެވެ. އެހެން ގައުމުތަކަށް ފުރަން ގޮސް ތިބި ބައެއް ދިވެހިން ވެސް އެ ގައުމުތަކުގެ އެއާޕޯޓުތަކުގައި ތާށިވެފައި އެބަތިއްބެވެ.

ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި ފްލައި ޑުބާއީ ހިމެނެ އެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އުފުލާ އެއާލައިންތަކެވެ.

ޓޫރިޒަމް މިިނިސްޓްރީ އާއި އެމްއޭސީއެލްއިން ވެސް ވަނީ ފްލައިޓު ފުރާތޯ ކަށަވަރުކުރަން ފުރާ މީހުންނާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް އިލްތިމާސްކޮށްފަ އެވެ.