17 އޮގަސްޓު 2025 - 11:14 1
ލީވާން އަލީ ނާސިރު
17 އޮގަސްޓު 2025 - 11:14 1
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް އޮތްކަން ހާމަވެއްޖެ އެވެ.
ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭކަން ހާމަވީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އޭނާއާ އިއްޔެ ކުރި އިންޓަވިއުގަ އެވެ.
އެ އިންޓަވިއުގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް ވިދާޅުވީ އެޗްއާރްސީއެމަށް އައްޔަންކުރަން މުއިއްޒު ފޮނުއްވި ދެ ނަމަށް ވެސް ގިނަ ޝަކުވާތަކެއް ލިބިފައި އެބަ އޮތް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ގެވެށި އަނިޔާގެ ތުހުމަތު ވެސް ހިމެނޭތީ އެފަދަ ތުހުމަތެއް ތޯހާއަށް އޮތްތޯ ސުވާލު ކުރި އެވެ.
ފަޒީލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި މިހާތަނަށް ކުރިމަތިވެގެން އެއްވެސް އިދާރާއަކަށް އޭނާ ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
"ނޫން. އަޅުގަނޑު އަދި އަޑުއެހީ މި އެނގޭތޯ. އަޅުގަނޑުގެ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެއްވެސް އިދާރާއަކަށް ވެސް ހާޒިރު ކުރައްވާފައެއް ނުވޭ. އަޅުގަނޑަށް އެނގިގެނެއް އެކަހަލަ މައްސަލައެއް ދިމާވެފައެއް ނެތް،" ތޯހާ ވިދާޅުވި އެވެ.
ފަޒީލު ކުރެއްވި ސުވާލާ ގުޅުވައި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ރިފާއު ވިދާޅުވީ، ތޯހާގެ ކުރީގެ ކައިވެނީގައި ގެވެށި އަނިޔާގެ ތުހުމަތުތަކެއް ހުރި ކަމަށާއި އެ ކައިވެނި ރޫޅުނީ ވެސް އޭގެ ސަބަބުން ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްދޭން އާންމުންގެ މީހަކު އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ސިފައިންގޭގެ ވަޒީފާއިން ތޯހާ އިސްތިއުފާ ދޭން ޖެހުނީ ވެސް އިންސާނިއްޔަތާ ހިލާފެއް އަމަލެއް ކުރިކަމުގެ ތުހުމަތުގައި ކަމަށް އާންމުންގެ މީހަކު އޭނާ ކައިރި ބުނެފައިވާ ކަމަށް ރިފާއު ވިދާޅުވި އެވެ.
"ތިބޭފުޅާގެ ކުރީގެ ކައިވެނީގެ ތެރޭގައި ގެވެށި އަނިޔާގެ ތުހުމަތުތަކެއް ހުރި ކަމަށް އެ ކައިވެނި ރޫޅުމުގައި. ދެން ދެވަނަ ކަމަކަށް ތިބޭފުޅާ ޕޮލިސް ނޫނީ އެމްއެންޑީއެފްގައި ދެއްތޯ އުޅުއްވީ. އެތަނުން އިސްތިއުފާ ދިނުމުގައި ވެސް މިފަދަ ލާއިންސާނީ ނުވަތަ އިންސާނިއްޔަތާ ގުޅުންހުރި ގޯސް އަމަލުތަކެއް ސަބަބުން އިސްތިއުފާ ދެއްވި ކަމަށް،" ރިފާއު ވިދާޅުވި އެވެ.
ރިފާއުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އޭނާގެ އަށް އަހަރުގެ ކައިވެނީގައި ދިމާ ނުވާ ކަމަށެވެ. ނަމަވެސް ކައިވެނި ރޫޅުނުތާ އަހަރުތަކެއް ފަހުން އެކަހަލަ އަޑުތަކެއް ފެތުރުނު ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުންގެ ފަރާތުން އޭރުގަިއ އަޑުއިވުނު، އޭރޭ މިދެންނެވީ މިހާރު ޑިވޯސްވިތާ ވެސް ގާތްގަނޑަކަށް އަށް އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔައީ މި. އޭގެ ހަތަރުވަރަކަށް އަހަރު ފަހުން އަޅުގަނޑަށް ވެސް އަޑުއިވުނު މިސާލަކަށް ގެވެށި އަނިޔާއޭ،" ތޯހާ ވިދާޅުވި އެވެ.
"އެކަމަކު ދުވަހަކުވެސް އެކަހަލަ އެއްވެސް ކަމެެއް ހަމަ ދިމައެއް ނުވޭ. މިހާރުވެސް އެ އާއިލާގެ މީހުން ވެސް ހަމަ ފެނުނީމަ ވާހަކަދައްކާ ހަމަ. އެންމެ ކުޑަމިނުން ބޭބެ ވެސް އެންމެންވެސް ހަމަ ގުޅުން ވެސް އޮވޭ. މެސެޖުވެސް ކުރޭ."
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތޯހާގެ ނަން ދިރާސާ ކުރިއިރު އޭނާއަށް 75 އަށްވުރެ ގިނައިން މާކްސް ލިބިފައި ނުވާތީ އެ ނަން ފާސްކުރަން ތަޅުމަކަށް ނުފޮނުވޭނެ އެވެ.
ނަމަވެސް އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރަން މުއިއްޒު ހުށަހެޅުއްވި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުއަށް 75 އަށްވުރެ މަތިން މާކްސް ލިބުމާއެކު އޭނާ އެޗްއާރްސީއެމަށް އައްޔަންކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވާނެ އެވެ. އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލި އެވެ.
Comment